ޚަބަރު

އަފްޣާނިސްތާނުގެ މިޝަންގެ މުއްދަތު އދން އިތުރުކޮށްފި


އަފްޣާނިސްތާނުގެ މިޝަންގެ މުއްދަތު އިތުރު ހަ މަސްދުވަހަށް އިތުރުކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ނިންމައިފިއެވެ.

ޔުނައިޓަޑު ނޭޝަންސް އެސިސްޓަންސް މިޝަން އިން އަފްޣާނިސްތާން، އުނަމާ އދގެ ސަލާމަތީ މަޖިލީހުން އެކުލަވާލާފައިވަނީ 2002ވަނަ އަހަރު ފާސްކުރި ޤަރާރަކުންނެވެ. އުނަމާގެ މައިގަނޑު މަޤްޞަދަކީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކޮށް ޤައުމު ތަރައްޤީކޮށް އާރާސްތުކުރުމެވެ.

އުނަމާގެ މުއްދަތު އިތުރުކުރުމަށް ފާސްކުރުމަށްފަހު 15 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުންވަނީ އަފްޣާނިސްތާނުގެ ސިޔާސީ ޙާލަތާއި ސަލާމަތީ ޙާލަތާއި ޢާއްމު ޙާލަތު ވަޒަންކުރުމަށްފަހު ދެން ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައެޅުއްވުމަށް އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝްގެ ކިބައިން އެދިފައެވެ. އެސްޓޯނޮޔާއާއި ނޯވޭ އިސްވެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ކަރުދާހުގައި ގޮވާލާފައިވަނީ އެންމެންގެ ބައިވެރިވުން އޮންނަ ސަރުކާރެއް އަފްޣާނިސްތާނުގައި ޤާއިމުކުރުމަށާއި އަންހެނުންނާއި ކުޑަކުދިންނާއި ބައިމަދު ނަޞްލުތަކަށް ނިޞްބަތްވާ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށެވެ. ނަމަވެސް އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުން އެކުލަވާލި ސަރުކާރުގައި ހިމެނެނީ އެ ޖަމާޢަތުގެ އިސްވެރިން އެކަންޏެވެ. އަދި އެއްވެސް އަންހެނަކަށް މަޤާމެއް ދީފައެއް ނުވެއެވެ. އޭގެ އިތުރުން އަންހެނުންގެ ޙައްޤުތަކާބެހޭ ވުޒާރާވެސްވަނީ އުވައިލައިފައެވެ.

ސަލާމަތީ މަޖިލީހުގެ ނިންމުމުގައި އަފްޣާނިސްތާނުގައި ސަލާމަތާއި އަމަންއަމާންކަން ޤާއިމުކުރުމަށް އދން މުޙިއްމު ދަޢުރެއް އަދާކުރުމަށްވެސް ފާސްކޮށްފައިވެއެވެ. އަފްޣާނިސްތާނުގެ މިޝަންގެ މުއްދަތު ސަލާމަތީ މަޖިލީހުން އިތުރުކުރި ނަމަވެސް ޠާލިބާނުން އެ ނިންމުމަށް ދެކޮޅުހަދައިފައެއް ނުވެއެވެ. އދގެ އެކި އިދާރާތަކަށް ނިޞްބަތްވާ 2،000 މުވައްޒަފުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވެއެވެ.