ޚަބަރު

އަލްޖަޒާއިރުގެ ކުރީގެ ރައީސް ބޫތަފްލީޤާ އަވަހާރަވެއްޖެ


އަލްޖަޒާއިރުގެ ކުރީގެ ރައީސް ޢަބްދުލްޢަޒީޒު ބޫތަފްލީޤާ އަވަހާރަވެއްޖެއެވެ.

1999ވަނަ އަހަރުން 2019ވަނަ އަހަރަށް އަލްޖަޒާއިރުގެ ރައީސްކަން ކުރެއްވި ބޫތަފްލީޤާ އަވަހާރަވެފައިވަނީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޢުމުރުފުޅުން 84 އަހަރުގައެވެ. ބޫތަފްލީޤާގެ ޙާލުކޮޅު ގޯސްވެފައިވަނީ 2013ވަނަ އަހަރު ސުޓުރޯކެއް ޖެހިވަޑައިގަތުމުންނެވެ. ނަމަވެސް އޭނާވަނީ ކެންޕެއިންގެ އެއްވެސް ޙަރަކާތެއްގައި ބައިވެރިވަޑައިނުގަންނަވައި 2014ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފައެވެ. އޭނާގެ ފަހު ދަޢުރުގައި ޢާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައިވަނީ ވަރަށް މަދުންނެވެ.

މަޣްރިބަށް އުފަންވެވަޑައިގެންނެވި ބޫތަފްލީޤާގެ ހަޔާތްޕުޅުގެ ކުރީކޮޅުގައި ހިނގާފައިވާ ކަންކަމުގެ ތަފްޞީލެއް ޢާއްމުކުރައްވާފައެއް ނުވެއެވެ. ފަރަންސޭސިވިލާތުގެ އިސްތިޢުމާރީ ވެރިކަމުން އަލްޖަޒާއިރު މިނިވަންކުރުމަށް 1956ވަނަ އަހަރުގެ ތެރޭގައި ނޭޝަނަލް ލިބަރޭޝަން ފުރޮންޓާ ގުޅިވަޑައިގަތް ނަމަވެސް އެކަމުގެ އިތުރު ތަފްޞީލެއް އެނގޭކަށް ނެތެވެ. އޭރު އޭނާގެ ޢުމުރުފުޅަކީ 19 އަހަރެވެ.

ފަރަންސޭސިވިލާތުގެ އިސްތިޢުމާރީ ވެރިކަމުން އަލްޖަޒާއިރު މިނިވަންވުމުން ބޫތަފްލީޤާވަނީ އޭރު އެކުލަވާލި ވަޤުތީ ސަރުކާރުގެ ވަޒީރުގެ މަޖިލީހުގައި ޢުމުރުފުޅުން 25 އަހަރުގައި ޚިދުމަތްކުރައްވައިފައެވެ. އޭނާ އޭރު ފާހަގަވެފައިވަނީ ދުނިޔޭގެ އެންމެ ހަގު ޚާރިޖީ ވަޒީރުގެ ގޮތުގައެވެ. ނަމަވެސް 1980ގެ އަހަރުތަކުގެ ކުރީކޮޅު އޭނާގެ މައްޗަށް ޚިޔާނާތުގެ ތުޙްމަތުތަކެއް ކުރެވުނެވެ. އެ ގޮތުން އެކި އެންބަސީތަކުން 23 މިލިޔަން އެމެރިކާ ޑޮލަރު ނަހަމަގޮތުގައި ނެންގެވިކަމަށް ތުޙްމަތުކުރެވުނެވެ. ބޫތަފްލީޤާ ވިދާޅުވެފައިވާ ގޮތުގައި އޭނާ އެ ފައިސާ ނެންގެވީ ޚާރިޖީ ވުޒާރާގެ އައު އިމާރާތެއް އެޅުއްވުމަށެވެ. އޭގެ ފަހުން ގިނަ އަހަރުތަކެއްވަންދެން ޤައުމުން ބޭރުގައި އޭނާ އުޅުއްވިއެވެ. އެ ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑު މަހުޖަނަކަށް އޭނާ ވެވަޑައިގަތެވެ. ބޫތަފްލީޤާ އެނބުރި ޤައުމަށް ވަޑައިގަތީ 1999ވަނަ އަހަރުގެ ތެރޭގައި އެ އަލްޖަޒާއިރުގެ އަސްކަރިއްޔާގެ ތާޢީދާއެކުއެވެ. އެއީ އަލްޖަޒާއިރުގެ ދާޚިލީ ހަނގުރާމަ ނިމި އެ ޤައުމުގައި ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވަމުންދިޔަ ދުވަސްވަރެކެވެ. ގިނަކަންޏާ ވާދަކުރައްވައި އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ 74 އިންސައްްތަ ވޯޓުންނެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތުކުރެއްވި ބޫތަފްލީޤާއަކީ ހަމަހަމަކަމާއި އިންސާފަށް ލޯބިކުރެއްވި ބޭފުޅެއްކަމަށް ބުނެވެއެވެ. އަދި އެ ސިފަތަކުގެ ސަބަބުން އޭނާއަކީ ހުޅަނގުގެ ޤައުމުތަކުގެ ތާޢީދު ލިބިވަޑައިގަތް ބޭފުޅެކެވެ. އޭގެ އިތުރުން ޤައުމުގެ ތަރައްޤީގެ ބާނީގެ ގޮތުގައި އޭނާ ފާހަގަވި ނަމަވެސް ޚިޔާނާތާއި ފަސާދައިގެ ބޮޑެތި ތުޙްމަތުތަކެއް އޭނާގެ މައްޗަށް ކުރެވުނެވެ. 2011ވަނަ އަހަރުގެ ޢަރަބި ބަހާރާ ހަމައަށް ބޫތަފްލީޤާ ވެރިކަންކުރައްވާފައިވަނީ ކުއްލި ޙާލަތު އިޢުލާންކުރައްވައިގެންނެވެ. އަދި އޭނާ އިންތިޚާބުތައް ކާމިޔާބުކުރައްވާފައިވަނީ އެއްވެސް ވާދަވެރިކަމެއް ނެތި ބޮޑު އަޣްލަބިއްޔަތަކުންނެވެ.

20 އަހަރުދުވަހު ވެރިކަންކުރެއްވުމަށްފަހު ބޫތަފްލީޤާ އިސްތިޢުފާދެއްވާފައިވަނީ އޭނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް އަލްޖަޒާއިރުގައި ކުރުމުންނެވެ. އިސްތިޢުފާދެއްވުމަށްފަހު ބޫތަފްލީޤާ އެއްވެސް ވަރަކަށް ޢާއްމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ. އޭނާއަކީ އަލްޖަޒާއިރުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަންކުރެއްވި ބޭފުޅާއެވެ.