ޚަބަރު

އެކްސްޕޯގެ ޖަޖުންނަށް ތަމްރީނުދިނުމުގެ މަސައްކަތް މިއަދު ފަށައިފި


އެކްސްޕޯ މޯލްޑިވްސް
ދެހާސްފަނަރައިގެ އުފެއްދުންތައް ޖަޖްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ
ތަމްރީނުތައް މިއަދު ފަށައިފިއެވެ.



އެކްސްޕޯ
މޯލްޑިވްސްގައި ދެހާހަށްވުރެ ގިނަ ތަކެތި ބައިވެރިކޮށްފައިވާއިރު މިއުފެއްދުންތައް
ޖަޖްކުރުމަށް މައުރަޒު އޮފީހުން ކަނޑައަޅާފައިވާ ފަރާތްތަކަށް ބާއްވާ ތަމްރީނުތައް
ކުރިޔަށްދަނީ ކަލާފާނު ސްކޫލްގައެވެ. މައުރަޒު އޮފީހުން ވިދާޅުވީ ޖަޖުންނަށް
ޚާއްޞަ ތަމްރީނު ސެޝަންތަކެއް ބޭއްވުމުގެ މަޤްޞަދަކީ ޖަޖްކުރުމުގައި ފަނޑިޔާރުން
އެއްގޮތްކަންތައްތަކެއް ގެންގުޅުއްވުމަށް ބާރުއެޅުންކަމަށެވެ. ޖުމްލަ ހަ ދާއިރާއަކުން ފަސްދޮޅަށް
ފަސްގިންތިއެއްގައި މައުރަޒުގައި ތަކެތި ބައިވެރިކޮށްފައިވާއިރު ޖަޖްކުރުމަށްޓަކާ ފަނޑިޔާރުންގެ
މެދުގައި އެކި ގިންތިތައް ބަހާލެވިފައިވާކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއްވައެވެ.



އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރައިގައި ބައިވެރިކޮށްފައިވާ ތަކެތި ޖަޖްކުރުމުގެ
ކަންކަން ފަނޑިޔާރުން ކުރިޔަށްގެންދަވާނީ އެކަމަށް ޚާއްޞަ ސޮފްޓްވެއާއެއް
މެދުވެރިކޮށްކަމަށް މައުރަޒު އޮފީހުން މައުލޫމާތުދެއްވައެވެ. އެކްސްޕޯ މޯލްޑިވްސް
ދެހާސްފަނަ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22ން 28 އަށް ދަރުބާރުގޭގައެވެ.