ޚަބަރު

ބަޣާވާތްކޮށް ސަރުކާރު ވައްޓާލާފައިވާ ގިނީއާއި މާލީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި


ދާދިފަހުން ބަޣާވާތްކޮށް ވެރިކަން ވައްޓާލާފައިވާ ދެ ޤައުމުކަމަށްވާ ގިނީއާއި މާލީއާ ދެކޮޅަށް ހުޅަނގު އެފްރިކާގެ ސަރަޙައްދީ ޖަމުޢިއްޔާ، އެކޯވާސުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ.

ގާނާގެ ވެރިރަށް އަކްރާގައި ބޭއްވި ބައްދަލުވުމެއްގައި އެކޯވާސުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ގިނީގެ އަސްކަރީ ސަރުކާރާއި މާލީގައި ކުރި ބަޣާވާތަށްފަހު އެ ޤައުމުގައި ޤާނޫނީ ވެރިކަމެއް ޤާއިމުކުރުމުގައި ލަސްކުރާތީއެވެ. އެ ގޮތުން ގިނީއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މުދާ ހިފެހެއްޓުމާއި އެ ޤައުމުގެ އަސްކަރީވެރިންނާއި އެ މީހުންގެ ޢާއިލާތަކަށް ދަތުރުކުރުން މަނާކުރުމެވެ. އޭގެ އިތުރުން އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ ގިނީގެ ރައީސް އަލްފާ ކޫންދީ މިނިވަންކުރުމަށްފަހު ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަށްވެސް އެކޯވާސުންވަނީ އަންފައިފައެވެ. އެ ޤައުމުގެ އަސްކަރިއްޔާގެ ޚާއްޞަ ފައުޖުތަކުން ބަޣާވާތްކޮށް ވެރިކަން ވައްޓާލާފައިވަނީ ސެޕުޓެންބަރު މަހުގެ 5ވަނަ ދުވަހުއެވެ.

މާލީގެ ޙާލަތާ ގުޅޭގޮތުން އެކޯވާސުން ނެރެފައިވާ ބަޔާނުގައި އަންގާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް އެއްބަސްވެފައިވާ އިންތިޚާބު ތާވަލާ އެއްގޮތަށް ބޭއްވުމަށެވެ. އަދި އިންތިޚާބަށް ތައްޔާރުވުމަށް އެކުލަވާލައި މަގުޗާޓު އަންނަ މަހުގެ ތެރޭގައި އެކޯވާސަށް ހުށަހެޅުމަށްވަނީ އަންގައިފައެވެ. އޭގެ އިތުރުން އިންތިޚާބު ބޭއްވުން ލަސްކުރާ ފަރާތްތަކަށް ގިނީގެ އަސްކަރީވެރިންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކެއް އެކޯވާސުން އަޅާނެކަމުގެ އިންޒާރުވެސްވަނީ ދީފައެވެ. މާލީގެ އަސްކަރިއްޔާއިން ކުރި ބަޣާވާތެއްގައި އެ ޤައުމުގެ ވެރިކަން ވައްޓާލާފައިވަނީ 2020ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.

ފާއިތުވި އަހަރުދުވަހުގެ ތެރޭގައި މެދުތެރޭ އެފްރިކާއާއި ހުޅަނގު އެފްރިކާގެ ހަތަރު ޤައުމެއްގައިވަނީ ބަޣާވާތްކޮށްފައެވެ. ނަމަވެސް ބަޣާވާތްކުރުމަށްފަހު ވެރިކަން ވައްޓާލެވިފައިވަނީ ގިނީއާއި މާލީގައެވެ.