ޚަބަރު

ގެވެށި އަނިޔާގެ ގިނަ މައްސަލަތަކުގެ އަސްލަކީ މަސްތުވާތަކެތި: ޚުޠުބާ


މުޖުތަމަޢުގައި ހިނގާ ގެވެށި އަނިޔާގެ ގިނަ މައްސަލަތަކުގައި މަސްތުވާތަކެތީގެ ދައުރު ބޮޑުކަމަށް ވިދާޅުވެ، މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

މަސްތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ގޮވާލާ މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުޠުބާގައި ވަނީ މީސްތަކުންނަށް ފައިދާހުރި ރަނގަޅު އެންމެހައި ތަކެތި ﷲ ޙަލާލު ކުރެއްވިކަމަށާއި، ގެއްލުންހުރި ނުބައި އެންމެހައި ތަކެތި ޙަރާމް ކުރެއްވިކަމަށް ބަޔަންކުރައްވާފައެވެ.

އިންސާނާއަށް ބުއްދި ދެއްވާފައިވަނީ ވިސްނައި ފިކުރު ކުރުމަށްޓަކައިކަމަށާއި، ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށްޓަކައިކަމަށް ވިދާޅުވެ ހުކުރު ޚުޠުބާގައި ވަނީ ﷲ އަންގަވާފައިވާ ގޮތަށް ހެޔޮގޮތުގައި ބުއްދީގެ ބޭނުން ހެއުގޮތުގައި ނުހިފާ މީހާގެ ދަރަޖަ ﷲގެ ޙަޟްރަތުގައި ޖަނަވާރުންގެ ދަރަޖައަށްވުރެ ވެސް ދަށުދަރަޖައަށް ވެއްޓިގެން ދާކަން ޤުރްއާނުގައި ﷲ ވަނީ ބަޔާންކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އިސްލާމް ދީނުގައި ބުއްދިއަށް ރައްކާތެރިވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެ ބޭނުންކުރާ މީހާ ހަމަބުއްދިން އެއްކިބާ ކޮށްލާ އެއްޗެއްކަމަށާއި، ނަތީޖާއެއްގެ ގޮތުން، ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖުތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެން ދާކަމަށްވެސް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހި ވެގެން ދާކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި، މަސްތުވާ ތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް ޢާއިލާއެއް މަދެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ޚާއްޞަ ކެފޭތައް ސިއްރިޔާތުގައި ހިންގުމަކީ، މިއަދު ފެންނަން އޮތް ހިތްދަތި ޙަޤީޤަތެކެވެ. މައިންބަފައިންނާއި، އަނބިދަރިންގެ ކަރުނަ ފޮހެދީ ކާއެތިކޮޅު ފޯރުކޮށްދޭން ޖެހޭ އަތްތަކުން ކާއެތިކޮޅަށް ހޭދަކުރަން އޮންނަ ލާރިކޮޅު އަންދައި އަޅިއަށް ހަދާލައި، ހިފާގެންގުޅޭ ސާމާނުން ފެށިގެން ހަރުމުދާތައް ވިއްކައި ހުސްކުރަނީއެވެ" ޚުޠުބާގައި ވިދާޅުވިއެވެ.

މާރާމާރިއާއި މީހުން މެރުމާއި، ވައްކަމާއި، އެހެނިހެން އެތައް މައްސަލަތަކެއް ގިނަފަހަރަށް ގުޅިފައިވަނީ ސީދާ މަސްތުވާ ތަކެއްޗާކަމަށް ބަޔަންކުރައްވާ ހުކުރު ޚުޠުބާގައިވަނީ، މަސްތުވާތަކެތީގެ އަވާގައި ޖެހިގެން ދަނީ، ހަމައެކަނި، ވަޒީފާއެއް ނެތި މަގުމަތީގައި ތިބި ޒުވާނުން އެކަނި ނޫންކަމަށް ވިދާޅުވެފައެވެ. އެއާއި ޚިލާފަށް ވަރަށް ރަނގަޅު ވަޒީފާތަކުގައި ތިބޭ، ކިޔަވައިގެން ތިބި މޮޅެތި ބައެއް ޒުވާނުން ވެސް މިވަބާގެ ޝިކާރައަކަށް ވެގެންދާ މަންޒަރު ފެންނަކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މިއީ ބަޔަކުމީހުންގެ އަމިއްލަ މަންފާއަށްޓަކައި، އެކުދިން ޝިކާރަކޮށް، އެކުދިން މީގެ ތެރެއަށް ވައްދައިގެން ހިންގާ ބޮޑު ޖަރީމާއެއްކަމަށްވެސް ޚުޠުބާގައި ސިފަކުރެއްވިއެވެ.

ޚުޠުބާގައި ވަނީ މުޖުތަމަޢުގައި މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ އެހީތެރިކަން ބޭނުންވާ ބައެއްކަމަށް ވިދާޅުވެ މުޖުތަމަޢުގައި ސަލާމަތުން ތިބި މީހުން، އެބައި މީހުންނަށް އެހީތެރިވުމަށް ގޮވާލައްވާފައެވެ. އަދު މިވަބާގެ ޝިކާރައަކަށްވެ، މަގުމައްޗާއި އެކި ތަންތަނުން މަސްތުވެފައިވާ މީހުން ފެނުމުން، އެމީހުންގެ ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި ޢާއްމު ކުރާ މަންޒަރަކީ ހިތްދަތި ހިތާމަވެރި މަންޒަރެކެއްކަމަށާއި، މިކަމުގެ ސަބަބުން އެޒުވާނުން މުޖުތަމަޢުގެ ކުރިމަތީގައި އިތުރަށް ނިކަމެތިވާނެކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.