ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ ހިމެނޭ، ސައުތު ޕޮލިސް ޑިވިޜަންއަށް ހުށަހެޅުނު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްގެ ތުހުމަތުގައި 34 އަހަރުގެ ފިރިހެނެއް މިރޭ 11:09 ހާއިރު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުލުހެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫގައި އުޅޭ ފުލުހެކެވެ. އަދި އޭނާ ހައްޔަރު ނުކޮށްގެން ބަޔަކު ވަނީ ހިތަދޫގަައި މުޒާހަރާވެސްކޮށްފައެވެ.
އެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ މިރޭ 8:00 ޖަހައި އެހާކަންހާއިރުއެވެ. ފުލުހުން ވިދާޅުވީ، އައްޑޫގައި ކުރި މުޒާހަރާގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ގުޅިގެން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްވެ ތިބި މީހުން ދުރަށް ޖެއްސުމަށް ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.