ޚަބަރު

ފެނަކައިގެ ކުރީގެ ވެރިއެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި


ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކައިގެ ކުރީގެ އިސް ވެރިއެއްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ވިދާޅުވީ، ފެނަކައިން 2018 ވަނަ އަހަރުގެ ތެރޭގައި އެކުންފުނީގެ ޕްރޮކިއުމަންޓް އިސްވެރިޔާ އާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ދޯންޏެއް ކުއްޔަށް ހިފާފައިވާ މައްސަލަ އޭސީސީން ތަޙްޤީޤުކޮށް ނިންމާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ޞާލިޙްގެ މައްޗަށް ދައުވާކުރުމަށްޓަކައި ޕީޖީއަށް ފޮނުވާފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ.

މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި، 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، އެކުންފުނީގެ 6 ޕާޗޭސް އޯޑަރަކާ ގުޅިގެން ހޯދާފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ޖެނެރަލް ސަރވިސް ރިކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕަރޓްމަންޓުން ޕްރޮކިއުމަންޓު ޑިޕަރޓްމަންޓަށް ފޮނުވުމުގެ ކުރިންކަން ފާހަގަކޮށްފައިވެއެވެ. އެކަމަކީ ފެނަކަ ކޯޕަރޭޝަނުން ޢަމަލުކުރަމުން ދިޔަ އުޞޫލާ ޚިލާފަށް ކޮށްފައިވާ ކަމެއްކަން އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި އެ ޕާޗޭސް އޯޑަރުގެ ތެރެއިން އެއް ޕާޗޭސް އޯޑަރު ތައްޔާރުކޮށް، އެ ޕާޗޭސް އޯޑަރާ އެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރުކޮށް ނިންމުމަށްފަހުގައިކަން، ލިޔެކިޔުމުން އެނގޭކަމަށްވެސް އޭސީސީން ވިދާޅުވުއެވެ.

މީގެ އިތުރުން ދަތުރު ކޮށްދިނުމުގެ ޚިދުމަތް ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ގިނަ ރަށްތަކަށް ދަތުރު ކޮށްފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެރަށްތަކަށް މުދާ ގެންގޮސްފައިވާކަން އެނގެން ނޯންނަކަމާއި، އަދި އެރަށްތަކަށް ދަތުރު ކޮށްފައިވަނީ ކޮން ބޭނުމެއްގައިކަންވެސް ލިޔެކިޔުންތަކުން އެނގެން ނެތްކަމަށްވެސް އޭސީސީން ވިދާޅުވިއެވެ.

"ތިން ކޯޓޭޝަން ހޯދާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ، މަރްޔަމް ދީނާ ޞާލިޙްއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކަކުންކަން ތަޙުޤީޤުގައި ހޯދާފައިވާ ލިޔުންތަކުން އެނގެއެވެ. އަދި އެ ޙިދުމަތް ފޯރުކޮށްދޭ އެހެން ފަރާތަކާ މުޢާމަލާތު ކޮށްފައިވާކަން އެނގޭނެ އެއްވެސް ލިޔުމެއް ނެތެވެ. ހަމައެހެންމެ، އެ ޕާޗޭސް އޯޑަރުތަކާއެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ޕްރޮކިއުމަންޓް ޑިޕަރޓްމަންޓަށް ލިބިފައިވަނީ ކިހިނެތްކަން އެނގޭފަދަ ލިޔެކިޔުމެއް އެ ޑިޕަރޓްމަންޓުގައި ނެތްއިރު، ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ މަރްޔަމް ދީނާ ޞާލިޙްކަމަށް ތަޙުޤީޤަށް އެނގެއެވެ." އޭސީސީން ޢާންމުކުރި ބަޔާނުގައިވެއެވެ.

މިނޫނަސް ގިނަ މައްސަލަތަކެއް އޭސީސީން ޕީޖީއަށް ދައުވާކުރުމަށް ފޮނުވި މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

މިމައްސަލާގައި ހޯދާފައިވާ ކިތާބީ ހެކިތަކާއި ޝަފަވީ ހެކިތަކަށް ބަލާއިރު، ފެނަކަ ކޯޕަރޭޝަނަށް ދޯނި ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް އެދުވަސްވަރު ޕްރޮކިއުމަންޓު ޑިޕާޓްމަންޓުގައި އެންމެ އިސްވެރިޔާގެ މަޤާމުގައި ހުރި މަރްޔަމް ދީނާ ޞާލިޙް އޭނާގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީފައިވާކަން އެނގޭކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި ދޯނި ކުއްޔަށް ހިފުމުގައި ކޯޓޭޝަން ހޯދާފައިވަނީ ހަމައެކަނި މަރްޔަމް ދީނާ ސާލިޙްއާ ގާތް ގުޅުން އޮތް ކުންފުނިން ނުވަތަ އެ ކުންފުނީގެ ވެރިޔާގެ މަސްލަހަތު އޮތް ފަރާތްތައް މެދުވެރިކޮށްކަމާއި، އެކަމުގެ ސަބަބުން ވާދަވެރިކަން ގެއްލި ދަޢުލަތަށް ގެއްލުންވެފައިވާކަން ސާބިތުކުރެވޭވަރަށް ތަޙުޤީޤުގައި ހެކި ލިބިފައިވާތީ، މިމައްސަލާގައި މަރްޔަމް ދީނާ ޞާލިޙްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އޭސީސީން ވިދާޅުވިއެވެ.