ޚަބަރު

ކައުންސިލްތަކުން ރަށް ތަރައްޤީކުރުމުގައި ސަރަޙައްދީ ތަރައްޤީއަށްވެސް ވިސްނަންޖެހޭ: ރައީސް


ކައުންސިލްތަކުން ރަށް ތަރައްޤީކުރުމުގައި ސަރަޙައްދީ ތަރައްޤީއަށްވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ ބ. ތުޅާދޫ ކައުންސިލާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބ. ތުޅާދޫ ކައުންސިލާއެކު މިއަދު ހަވީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ތުޅާދޫގެ ކުރިއެރުމަށް ކުރައްވަމުންދާ މަސައްކަތުގައި ސަރުކާރުގެ އިދާރާތަކުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެކަމަށްޓަކައި ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ތުޅާދޫ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ތުޅާދޫގައި ޤާއިމުކުރުމަށް ނިންމާފައިވާ އެއަރޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ޞިއްޙީ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން މަޢުލޫމާތު އަރުވާފައެވެ. އަދި ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމާފައިވާ 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށް ގެންދަވާ ބައެއް މަޝްރޫޢުތަކާއި ކައުންސިލުން ކުރިޔަށް ގެންދަވާ ބައެއް ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި ބޯޅަ ދަނޑު ހެދުމުގެ މަޝްރޫޢު ކުރިޔަށްދާކަމުގައި ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ރަށް ތަރައްޤީކުރުމުގައި ސަރަޙައްދީ ތަރައްޤީއަށްވެސް ވިސްނައިގެން ކުރިޔަށްދިޔުމަށް އެދިވަޑައިގެންފައެވެ. އަދި ތުޅާދޫގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް ކައުންސިލްގެ ބޭފުޅުންނާ ހިއްސާކުރެއްވެވިއެވެ. މިގޮތުން 50 ހައުސިންގ ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓްކުރުމަށްފަހު ރަނގަޅު ޙައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެއަރޕޯޓް އޮތީ ބިޑް އިވެލުއޭޝަންގެ މަރުޙަލާގައި ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ. އަދި، މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވެވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ތުޅާދޫގެ ތަރައްޤީއަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަހަރުގެ ބަޖެޓުގައިވެސް އެރަށަށް 127 މިލިއަން ރުފިޔާގެ މަޝްރޫޢު ވަނީ ބަޖެޓްކުރެވި، މަސައްކަތް ފެށިފައެވެ. އޭގެ ތެރޭގައި ތައުލީމާއި، ސިއްހަތާއި، ޒުވާނުންނާއި ރަށުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނެއެވެ.