ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާއިން އައު ސަލާމަތީ އިއްތިޙާދެއް އެކުލަވާލައި އިޢުލާންކޮށްފިއެވެ.
އޯކެސްގެ ނަން ދީފައިވާ އައު އިއްތިޙާދެއް އެކުލަވާލިކަން އިޢުލާންކޮށްފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާގެ އެންމެ އިސްވެރިން ވީޑިޔޯ މެދުވެރިކޮށް ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ އިއްތިޙާދުގެ ސަބަބުން އޮސްޓުރޭލިޔާއަށް ފުރަތަމަ ފަހަރަށް ނިޔުކްލިޔަރ ސަބްމެރީން ލިބޭނެއެވެ. ނަމަވެސް އެއީ ނިޔުކްލިޔަރ ހަކަތަ ބޭނުންކުރާ ސަބްމެރީންތަކެއްކަމަށާއި އެ އުޅަނދުތަކުގައި ނިޔުކްލިޔަރ ހަތިޔާރެއް ނުހުންނާނެކަމަށް އެ ތިން ޤައުމުންވެސްވަނީ ބުނެފައެވެ. އޮސްޓުރޭލިޔާއަކީ ނިޔުކްލިޔަރ ހަތިޔާރު ބޭނުންކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ޤަރާރުގައި ސޮއިކޮށްފައިވާ ޤައުމެކެވެ.
ވީޑިޔޯ މެދުވެރިކޮށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންނާއި އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންނާއެކު ހުންނަވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ސަލާމަތީ އައު އިއްތިޙާދެއް އެކުލަވާލުމަކީ ތާރީޚީ ނިންމުމެއްކަމަށެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ހުންނަވައި ބައިޑަން ވިދާޅުވީ ދިގު މުއްދަތަކަށް އިންޑޯ-ޕެސިފިކް ސަރަޙައްދުގައި އަމާންކަމަާއި ހަމަޖެހުން ޤާއިމުކުރުމަކީ އެ ތިން ޤައުމުންވެސް އެންމެ ބޮޑު އިސްކަމެއް ދޭނެކަމެއްކަމަށެވެ. އަދި އިންޑޯ-ޕެސިފިކް ސަރަޙައްދަކީ ވަކި ޤައުމެއްގެ ނުފޫޒުގެ ދަށުވެފައިވާ ސަރަޙައްދެއްގެ ގޮތުގައި އޮތުމަށްވުރެ އެ ތިން ޤައުމުންވެސް ބޭނުންވަނީ އެ ސަރަޙައްދުގައި ހަމަޖެހުން ޤާއިމުވެފައި އޮތުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓުރޭލިޔާގެ އެންމެ އިސްވެރިން ދެއްވި ތަޤްރީރުތަކުގައި ސީދާ ޗައިނާކަމަށް ވިދާޅުނުވެ އެ ޤައުމަށްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.