ޚަބަރު

ފިލިޕީންސްގެ ރައީސް ހިންގެވިކަމަށް ތުޙްމަތުކުރެވޭ ލާއިންސާނީ ޖަރީމާތައް ތަޙްޤީޤުކުރަނީ


ފިލިޕީންސްގެ ރައީސް ރޮދްރިގޯ ދުތާރްތޭ ހިންގެވިކަމަށް ތުޙްމަތުކުރެވޭ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ތަޙްޤީޤުކުރުމަށް ނިންމައިފިއެވެ.

ފިލިޕީންސްގެ ރައީސް ދުތާރްތޭ އިސްކޮށް ހުންނަވައި މަސްތުވާތަކެއްޗާ ދެކޮޅަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުން ކުރަމުންދާ ހަނގުރާމައިގައި އެތައް ހާސް މީހުންނެއްވަނީ މަރުވެފައެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ މީހުން ޤަތުލުކުރައްވާނެކަމަށް ދުތާރްތޭވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައެވެ.

ނެދަލެންޑްސްގެ ދަ ހޭގުގައި ހުންނަ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުތާރްތޭއާ ދެކޮޅަށް ތަޙްޤީޤެއް ހިންގުމަށް ހުރިހާ އަޞާޞެއް ފުރިހަމަވެފައިވާކަމަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވާކަމަށް ބެލެވޭކަމަށެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަކުރުމުގެ ޙައްޤު ފިލިޕީންސްގެ ސަރުކާރަށް އޮތް ނަމަވެސް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގައި އެތައް ހާސް ބަޔަކު އެއްވެސް ޝަރީޢަތަކައި ނުލައި ނުމެރޭނެކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

204 ޢާއިލާއަކުން ހުށަހަޅާފައިވާ މައްސަލަ ބަލައިގެންފައިވާކަން ހާމަކުރަމުން ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ބުނެފައިވަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ތަޙްޤީޤުކުރުމުގައި ފިލިޕީންސްގެ އިދާރާތަކާއި މުވައްސަސާތައް ފަސްޖެހިފައިވާކަމަށެވެ. އަދި އޭގެ ބަދަލުގައި އެފަދަ ޖަރީމާތައް ހިންގައި މީހުންނަށް ހިއްވަރުދިނުމުގެ އިތުރުން މަޤާމުގެ ކުރިއެރުމާއި ފައިސާގެ އިނާމުތައް ދީފައިވާކަމަށްވެސް ތިން ފަނޑިޔާރުން ސޮއިކުރައްވައި އެ ކޯޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ފިލިޕީންސްގެ ސަރުކާރުން ބުނެފައިވަނީ ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުގެ ތަޙްޤީޤަށް އެ ޤައުމުން އެއްބާރުލުން ނުދޭނެކަމަށެވެ.