ޚަބަރު

ޠާލިބާނުންނާ ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުން ގޮވާލައިފި


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތްކުރުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.

ޕާކިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު މުއީދު ޔޫސުފު ވިދާޅުވީ ޠާލިބާނުންނާ ގުޅިގެން މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކޮޅުހަދާނަމަ ޙާލަތު އިތުރަށް ގޯސްވާނެކަމަށެވެ. ޔޫސުފު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން އަފްޣާނިސްތާނުގައި ޠާލިބާނުން ވެރިކަންކުރި ދުވަސްވަރު ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަންކުރި ގޮތުގެ ސަބަބުން ނުކުތް ނަތީޖާ ގޯސްކަމަށެވެ. އެހެންކަމުން އެ ގޮތަށް ދެވަނަ ފަހަރަށް ޢަމަލުނުކުރުން މުޙިއްމުކަމަށް ޔޫސުފު ވިދާޅުވިއެވެ. އޭގެ އިތުރުން ސަރަޙައްދީ އަމާންކަމާއި ހަމަޖެހުމަށް އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުވެފައި އޮތުން މުޙިއްމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޠާލިބާނުންނާ ގުޅިގެން މަސައްކަތްކުރުމަށް ޕާކިސްތާނުން ގޮވާލާފައިވަނީ އެ ޖަމާޢަތުން އަފްޣާނިސްތާނުގެ ވެރިކަމާ ޙަވާލުވުމުން އެ ޤައުމުގެ ފައިސާއާއި މުދާތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ހިފަހައްޓާފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ސަބަބުން ބޮޑު އިންސާނީ ކާރިޘާއަކާ އަފްޣާނިސްތާނުން ކުރިމަތިލާން ޖެހުމުގެ އިތުރުން އެ ޤައުމުގެ އިޤްތިޞާދުވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. އދންވެސްވަނީ ޠާލިބާނުންނާ ގުޅިގެން އަފްޣާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައިފައެވެ.