ޚަބަރު

މިއަދު ޕޮޒިޓިވްވި އަދަދު 92


ރާއްޖެއިން އިތުރު 92 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 83,000އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 92 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 38 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 51 މީހުންގެ އިތުރުން ރިސޯޓްތަކުން ބައްޔަށް ޕޮޒިޓިވްވި 3 މީހުންނެވެ. އަލަށް ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 83,162އަށް އަރާފައެވެ.

ކޯވިޑް-19އަށް މިވަގުތު ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 1،832އެވެ. މީގެތެރެއިން 21 މީހުންނަށް ފަރުވާދެމުން އަންނަނީ ކޯވިޑް މެޑިކަލް ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 141 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 81،090އަށް އަރާފައެވެ. ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5،526 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކުރިން ކޯވިޑް-19އަށް ރާއްޖެއިން ގިނަ ބަޔަކު ޕޮޒިޓިވްވަމުން އައީ މާލެ ސަރަޙައްދުގައެވެ. ނަމަވެސް އަތޮޅުތަކުން ފެންނަ ކޭސްތަކުގެ އަދަދު ފަހަކަށްއައިސް ވަނީ އިތުރުވެފައެވެ.