ޚަބަރު

މޫސުމީ ކާރިޘާތަކުގެ ސަބަބުން އެމެރިކާއަށް 100 ބިލިޔަން ޑޮލަރުގެ ގެއްލުމެއް


މޫސުމީ ކާރިޘާތަކުގެ ސަބަބުން އެމެރިކާއަށް 100 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި ހަނަފަސްކަމާއި އަލިފާން ރޯވުމާއި ވާރޭވެހި ފެންބޮޑުވުމާއި ނުރައްކާތެރި ތޫފާނުތަކުގެ އަސަރުވަނީ އެމެރިކާގެ އެކި ސަރަޙައްދުތަކަށް ވަރަށް ބޮޑަށްކޮށްފައެވެ. މޫސުމީ ކާރިޘާތަކުގެ ސަބަބުން އެމެރިކާގެ ހުޅަނގުގެ ސަރަޙައްދުތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގެންނެވުމަށް ކޮލޮރާޑޯއަށް ވަޑައިގެންނެވުމަށްފަހު ބައިޑަންވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށް އިލްތިމާޞްކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޅި ޤައުމަށް ގެއްލުން ފޯރާނެކަމަށްވެސް ބައިޑަންވަނީ ފާހަގަކުރައްވައިފައެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ފާސްކުރުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުން ދަނީ މަސައްކަތްކުރަމުންނެވެ.