ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފް ގައި ޔަންގް ބޯއިސް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ޔަންގް ބޯއިސް ކާމިޔާބުކޮށްފިއެވެ. ޔަންގް ބޯއިސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރައި 2 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރަތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަމިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔަންގް ބޯއިސްއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓަޑަށް ބަދަލުވި ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗް އެތީމް ފެށީ ވަރަށް ރަނގަޅަށެވެ. މިގޮތުން މެޗްގެ 13 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ރޮނާލްޑޯވަނީ ޔުނައިޓެޑުން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހައިދީފައެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު 177 ވަނަ މެޗެވެ. މިމެޗާއެކު ރޮނާލްޑޯވަނީ ޗެމްޕިއަންސް ލިގުގައި އެންމެ ގިނައިން ކުޅުމުގެ ރިކޯޑް އާއި އަރާ ހަމަކޮށްފައެވެ. މިރިކޯޑް މިހާތަނަށް އޮތީ އިކަރ ކަސިޔަސް އަތުގައެވެ. މިމެޗްގެ އޮއެވަރު ޔަންގް ބޯއިސް ކޮޅަށް ބަދަލުވީ މެޗްގެ 35 ވަނަ މިނެޓްގައި ޔުނައިޓެޑްގެ އާރޮން ވެން ބިސާކާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތްކާޑު ދެއްކުމުންނެވެ. މިކާޑާއެކު ޔަންގް ބޯއިސްއިން މެޗްގެ ކޮންޓްރޯލް އަތުލާ ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މިގޮތުން ފުރަތަމަ ހާފްގައިވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔައެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފްގައި ޔުނައިޓެޑުން ހަމަލާއަށް ވުރެ ބޮޑަށް ލިބިފައިވި އެއްގޯލްގެ ލީޑާއެކު ދިފާއުއަށް އިސްކަން ދިނުމެވެ.

މިމެޗްގައި ޔަންގް ބޯއިސްއިން އެއްވަރު ކުރި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހައިދިނީ މޮއުމީ އެންގަމަލޫއެވެ. އަދި މިމެޗުން ޔަންގް ބޯއިސް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ބަދަލު ކުޅުންތެރިޔާ ޖެސީ ލިންގާޑް ދިން ބެކް ޕާހެއްގެ ފައިދާ ނަގައި ޖަހާފައިވަނީ ޔަންގް ބޯއިސްގެ ޖޯޑަން ސިބާޗޫއެވެ.

މިކާމިޔާބީއާއެކު ގްރޫޕް އެފްގައި މިވަގުތު އެއްވަނައިގައި އޮތީ ޔަންގް ބޯއިސްއެވެ. ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑަށް ދެން އޮންނާނީ އަމިއްލަ ދަނޑުގައި ވިޔަރެއާލް އާއި ބައްދަލުކުރާ މެޗެވެ. މިދެޓީމަކީ މިދިޔަ ސީޒަންގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ވާދަކުރި ދެޓީމެވެ.