ކުޅިވަރު

ޗެމްޕިއަންސް ލީގުގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީގެ ފެށުން ރަނގަޅުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެޗްގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ޒެނިތު ސެއިންޓް ޕީޓަރސްބަރގް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށް މިސީޒަންގެ ފެށުން ރަނގަޅުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީއަށް ޒެނިތުގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފްގައި ޗެލްސިއިން އިތުރަށް ހަމަލާއަށް އިސްކަންދީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރުމެވެ. މިގޮތުން އެޓީމުން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗްގެ 69 ވަނަ މިނެޓްގައި މިސީޒަންގައި ޗެލްސީއަށް ކްލަބްގެ ރިކޯޑް އަގަކަށް ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮމެލޫ ލުކާކޫ ލަނޑެއް ޖަހައި މެޗްގައި ޗެލްސީއަށް ލީޑު ނަގައިދިނުމެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ޗެލްސީއަށް ލިބިގެންދިޔައެވެ. އަދި މެޗް ނިމެން ގާތް ވެފައިވަނިކޮށް ޒެނިތުގެ އާޓެމް ޒީބާއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ.

މިކާމިޔާބީއާއެކު ޗެލްސީ އުޅެނީ ގްރޫޕް އެޗްގެ ތާވަލްގެ ދެވަނައިގައެވެ. އެއީ ޔުވެންޓަސް ރޭ ކުޅުނު މެޗުން މޮޅުވެ ޖަހާފައިވާ ލަނޑު އިތުރު ވުމުންނެވެ.