ޚަބަރު

ނަގިލިކަނޑައިގެން ގޮސް، ކަނޑުމަތީގެ 2 ޙާދިސާއެއް ހިނގައިފި


މޫސުން ގޯސްވެ ކަނޑުމަތީގެ ނުރައްކާތެރި ޙާދިސާތަކެއް ހިނގައިފިއެވެ.

މިހާތަނަށް ރިޕޯޓުކޮށްފައިވާ ކަނޑުމަތީގެ ޙާދިސާތައް ހިނގާފައިވަނީ މާލެ ސަރަޙައްދުގައެވެ.

އެމްއެންޑީއެފްއިން ބުނީ މެރީނާ 1301 ނަމަކަށް ކިޔާ ޓަގް ބޯޓެއް މިއަދު ހެނދުނު 9:52 ހާއިރު ވަނީ ފޭދޫ ފިނޮޅު ފަރަށް އަރާފައިވާކަމަށާއި މިއީ އިންޑޮނޭޝިއާއަށް ނިސްބަތްވާ ޓަގުބޯޓެއްކަމަށެވެ. އަދި މިބޯޓުގައި ތިބީ އެޤައުމަށް ނިސްބަތްވާ 9 ފަޅުވެރިންކަމަށާއި ބޯޓު ފަރަށް އަރަން މެދުވެރިވީ ގަދަވަޔާ ވިއްސާރައާ ހެދިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެގޮތުން ބޯޓުގެ ނަގިލި ކެނޑިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިއަދު ހިނގާފައިވާ ކަނޑުމަތީގެ އަނެއް ޙާދިސާއަކީވެސް ނަގިލި ކަނޑައިގެންގޮސް ހިނގަފައިވާ ހާދިސާއެއްކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އެގޮތުން މިއަދު ހެނދުނު 9:35 ހާއިރު ޓްރާންސްޕޯޓު ފިއުލް-9 ނަމަކަށް ކިޔާ ތެޔޮ އުފުލާ ބޯޓެއް ވަނީ ވިލިނގިލީ ފަރުމައްޗަށް އަރާފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިބޯޓުގައި ހުރީ ސްރީލަންކާގެ މީހަކާއި ބަންގްލަދޭޝްގެ 2 މީހުންކަމަށެވެ. އެހެން ޓަގްބޯޓެއްގެ އެހީގައި މިހާރު މިބޯޓު ފުންކޮށްފައިވާކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ވިއްސާރަ މޫސުމުގައި ކަނޑުމަތީގެ ޙާދިސާތައް އިތުރުވާތީ ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގެ މޫސުން ގޯސްވެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. އެގޮތުން ޅ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް މެންދުރު 12:00 އިން ފެށިގެން ހަވީރު 5:00 ޖެހުމާއި ހަމައަށް ހުދު ސަމާލުވަނީ ނެރެފައެވެ.

މިގަޑިތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. އަދި މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ބާނި އެހާ ބޮޑު ނޫންކަމަށާއި އެހެންނަމަވެސް ވައިދަގަވާ ގަޑިތަކުގައި ޢާއްމުކޮށް އުދަ އަރާ ސަރަޙައްދުތަކަށް އުދައެރުމުގެ ފުރުސަތު އޮންނާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ކުރަމުން އަންނަ ވިއްސާރަ ކުރާނެކަމަށް ބެލެވެނީ މިރޭއާ ހިސާބަށްކަމަށާއި މާދަމާއިން ފެށިގެން ރާއްޖޭގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ.