ކުޅިވަރު

މެސީއާނުލައި ބާސެލޯނާ ޗެންޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލި


ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އީ ގައި އެފްސީ ބާސެލޯނާ އާއި ބަޔާން މިޔުނިކް ބައްދަލުކުރިމެޗް ބަޔާން ކާމިޔާބުކޮށްފިއެވެ. ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް ބަޔާން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 3 ލަނޑު ސުންލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާންއެވެ. އަދި ބާރސާގެ ފަރާތުން މާރަނގަޅު ކުޅުމެއް ނުފެނުނެވެ. 8 ލަނޑު 2 ލަނޑުން ބަޔާން ބާރސާއަތުން މޮޅުވިތާ 13 މަސް ފަހުން ކުޅުނު މިމެޗްގައި އަނެއްކާވެސް މިވަނީ ބާރސާއަށް އިތުރު ހިތްދަތިކަމެއް ގެނުވައި އެޓީމްގެ ހާލަތަ ހާމަކޮށްދީފައެވެ. މިއީ ލިއޮނެލް މެސީ ބާރސާ ދޫކޮށް ދިޔަފަހުން އެޓީމް ކުޅުނު ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހައިދިނީ ތޯމަސް މުލަރއެވެ. އަދި ދެވަނަ ލަނޑު ޖަހައިދިނީ 56 ވަނަ މިނެޓްގައި ރޮބަރޓް ލެވަންޑޯސްކީއެވެ. އަދި ފަހު ލަނޑުވެސް ޖަހައިދިނީ ލެވަންޑޯސްކީއެވެ. މިއީ އޭނާ ޗެމްޕިއަންސް ލިގުގައި ޖެހި 75 ވަނަ ލަނޑެވެ. މިދެލަނޑުވެސް ލެވަންޑޯސްކީ ޖަހާފައިވަނީ ބަޔާންއިން ފޮނުވާލި ދެ ހަމަލާއެއް ބާރސާގެ ގޯލް ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ބޯޅަ ގޯލްތެރެއަށް ވައްދާލައިގެންނެވެ.

މިކާމިޔާބީއާއެކު ބަޔާން މިވަނީ މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅު ކޮށްފައެވެ.