ކުޅިވަރު

2022ގެ ވަރލްޑްކަޕް ކުޑައަގެއްގައި ލިބޭނެކަމާއިމެދު ސުވާލު އުފެދިއްޖެ


2022ގެ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މީޑިޔާ ރައިޓްސް މި ސަރަހައްދުގެ ޤައުމުތަކަށް ކުޑައަގެއްގައި ލިބޭނެކަމާއިމެދު ސުވާލު އުފެދިއްޖެއެވެ.

އިންޑިޔާގެ ޖޮއިންޓް ވެންޗަރ ކުންފުނި ވަޔަކޮމް 18އިން ވަނީ ދާދިފަހުން އަންނަ އަހަރު ޤަތަރުގައި އޮންނަ ވަރލްޑްކަޕްގެ މީޑިޔާ ރައިޓްސް ހޯދާފައެވެ. އިންޑިޔާގެ ވަރުގަދަ ދެ ބްރޯޑްކާސްޓަރުން ކަމަށްވާ ސްޓަރ އަދި ސޮނީއާއި ވާދަކޮށް ވިއަކޮމްއިން ރައިޓްސް ހޯދީ 450 ކްރޯޑް ރުޕީސް ހޭދަކޮށްގެންނެވެ. އެއީ 61 މިލިއަން ޑޮލަރެވެ. މިއީ މިހާތަނަށް ވަރލްޑްކަޕްގެ ރައިޓްސްއަށް މި ސަރަހައްދުގެ ކުންފުންޏަކުން ހޭދަކުރި އެންމެ ބޮޑު އަދަދެވެ. 2010ގެ ވަރލްޑްކަޕް ސްޓަރ ސްޕޯޓްއިން ހޯދީ 12 މިލިއަން ޑޮލަރު ހޭދަކޮށްގެންނެވެ. 2014 އަދި 2018ގެ ވަރލްޑްކަޕް މީޑިޔާ ރައިޓްސް ސޮނީ ސްޕޯޓްސް ނެޓްވޯކުން ނެގީ 80 މިލިއަން ޑޮލަރަށެވެ.

ވަޔަކޮމްއިން މި ރައިޓްސް ގަތުމުގައި އިންޑިޔާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ ރިލައަންސްއިންވެސް ބޮޑު ހިއްސާއެއްވިކަން ފާހަގަކޮށްލަން ޖެހޭ. އަނެއްކޮޅުން ވަޔަކޮމްއިން އަންނަނީ ސްޕޯޓްސް ޗެނަލެއް ލޯންޗުކުރުމަށްވެސް ތައްޔާރުވަމުންނެވެ. މިކަމަށް ބޭނުންވާ ޓީވީ ލައިސަންސްވެސް މިހާރު އެ ކުންފުނިންވަނީ ހޯދާފައެވެ.

އަންނަ އަހަރުގެ ވަރލްޑްކަޕްގެ ރައިޓްސް ވަޔަކޮމްއިން ނެގުމަކީ މި ސަރަހައްދުގެ ކުޅިވަރުގެ އެންމެ ބޮޑު ދެ ކުޅިވަރު ޗެނަލަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މިކަމުގެ ސަބަބުން ކުރިން ފަސޭހައިން ރަނގަޅު އަގެއްގައި ސަރަހައްދުގެ އެހެން ގައުމުތަކުން ހޯދި މީޑިޔާ ރައިޓްސް މިފަހަރު ލިބުން ދަތިކަމަށް ބެލެވެއެވެ. ކޮންމެ ވަރލްޑަކަޕަކީ ދިވެހިރާއްޖެއިންވެސް ބޮޑު ސަމާލުމަކެއްދޭ، އަދި ގިނަ ބަޔަކު އިންތިޒާރުކުރާ މުބާރާތެކެވެ.