ޚަބަރު

ގުޅުންބަދަހިކޮށް މަޝްވަރާކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު މިޞްރަށް


ފަލަސްޠީނުގެ މައްސަލާގައި މަޝްވަރާކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓު މިޞްރަށް ވަޑައިގެންފިއެވެ. އެއީ ޔަހޫދީ ދަޢުލަތުގެ ބޮޑުވަޒީރަކު ފާއިތުވި 10 އަހަރުދުވަހުގެ ތެރޭގައި މިޞްރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މިޞްރުގެ ރިސޯޓު ރަށެއްކަމަށްވާ ޝަރުމުއް ޝައިޚުގައި އެ ޤައުމުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީއާ ބެނެޓުވަނީ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ސީސީވަނީ ފަލަސްޠީނުގެ ބިންތަކުގައި ޞުލްޙައާއި ހަމަޖެހުން ޤާއިމުކުރުމަށް މިޞްރުން ދެމުންދާ އަޙައްމިއްޔަތުކަން ފާހަގަކުރައްވައި ފަލަސްޠީން އާރާސްތުކުރުމަށް ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރުމަށް ފަލަސްޠީނާއި އިސްރާއީލުގެ ވަކި ދެ ދަޢުލަތް ޤާއިމުކުރުމަށް މިޞްރުން ތާޢީދުކުރާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ދެކޮޅުހައްދަވައި ބެނެޓުވަނީ ޚާރިޖީގޮތުންނާއި އިޤްތިޞާދީގޮތުންނާއި ސަލާމަތީގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުންބަދަހިކުރުމަށް މަޝްވަރާކުރައްވައިފައެވެ. އަދި ގުޅިގެން ކުރިޔަށްދެވޭނެ ގޮތްތަކާމެދު ބެނެޓުވަނީ ސީސީއާ މަޝްވަރާކުރައްވައިފައެވެ.

މިޞްރަކީ އިސްރާއީލުގެ ޔަހޫދީ ދަޢުލަތް ޤަބޫލުކުރި ފުރަތަމަ ޢަރަބި ޤައުމެވެ. އަދި 2007ވަނަ އަހަރުން ފެށިގެން މިޞްރުގެ އެހީތެރިކަމާއެކު އިސްރާއީލުންވަނީ ފަލަސްޠީނުގެ ޣައްޒާއަށް ވަދެނުނިކުމެވޭނެހެން ބަންދުކޮށްފައެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި އިސްރާއީލާ ދެމެދު ކުރި ހަނގުރާމަ ނިމުމުމަށް ގެނައުމަށް މެދުވެރިއެއްގެ ދަޢުރު އަދާކުރީވެސް މިޞްރުންނެވެ،

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު މިޞްރަށް ވަޑައިގެންފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގައި ލާއިންސާނީ ޖަރީމާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.