ޚަބަރު

އަފްޣާނިސްތާނަށް އެހީތެރިވުމަށް 1 ބިލިޔަން ޑޮލަރު


ބޮޑު އިންސާނީ ކާރިޘާއަކާ ކުރިމަތިލަމުންދާ އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއް ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއްބަސްވެއްޖެއެވެ.

އަފްޣާނިސްތާނަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ސުވިޓުޒަލޭންޑުގެ ޖެނީވާގައި ބޭއްވި ވަޒީރުން ފެންވަރުގެ ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެޚޭޝްވަނީ ފާއިތުވި 40 އަހަރުގެ ތެރޭގައި ހަނގުރާމައިގެ ޙާލަތުގައި އޮތް އަފްޣާނިސްތާނަށް ދިމާވެފައިވާ އިންސާނީ ކާރިޘާގެ ނުރައްކާތެރިކަން ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން އަފްޣާނިސްތާނުގެ އިޤްތިޞާދު ފުނޑުފުނޑުވުމުގެ ބިރުވެރިކަން ބޮޑުކަމަށްވެސް ގުތެޚޭޝްވަނީ ފާހަގަކުރައްވައިފައެވެ. އަދި އޭނާވަނީ މި މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ކާބޯތަކެތި ހުސްވުމުގެ ބިރުވެރިކަން އެބައޮތްކަމަށްވެސް ވިދާޅުވެފައެވެ.

ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާއިން ލަފާކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 14 މިލިޔަން މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުމުގެ ފުރުޞަތު ބޮޑެވެ. އަފްޣާނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައިކަމަށްވާ 18 މިލިޔަން މީހުން ދިރިހުރުމަށް ބަރޯސާވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމަށެވެ.

އަފްޣާނިސްތާނުގެ ޙާލަތު ގޯސްވެފައިވަނީ އެ ޤައުމުގެ ވެރިކަމަށް ޠާލިބާން ޖަމާޢަތުން އައުމުން އެ ޤައުމަށް ދެމުންދާ އެހީތެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަނޑާލުމުންނެވެ. އޭގެ އިތުރުން ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފައިސާއާއި މުދާތައް އެ ޤައުމުތަކުންވަނީ ހިފަހައްޓައިފައެވެ. އެހެންކަމުން ހަނގުރާމައިގެ ސަބަބުން އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިފައިވާ އަފްޣާނިސްތާނުގެ ބޭނުންތަކަށް ފައިސާ ހޯދޭނެ ދޮރުތައްވަނީ ބަންދުވެފައެވެ.

އަފްޣާނިސްތާނަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ފާއިތުވި 20 އަހަރުދުވަހު އެ ޤައުމު އިސްތިޢުމާރުކުރި އެމެރިކާއިންވަނީ 64 މިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އަދި ފަރަންސޭސިވިލާތުންވަނީ 118 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ވަޢުދުވެފައެވެ.

އަފްޣާނިސްތާނުގެ އަވަށްޓެރި ދެ ޤައުމުކަމަށްވާ ޕާކިސްތާނާއި ޗައިނާއިންވަނީ އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަޢުދުވެފައެވެ. އެ ގޮތުން ޗައިނާއިންވަނީ ކުއްލި އެހީގެ ގޮތުގައި 31 މިލިޔަން އެމެރިކާ ޑޮލަރުގެ ސާމާނާއި ކޯވިޑް-19ގެ ވެކްސިންގެ 3 މިލިޔަން ޑޯސް ފޯރުކޮށްދިނުމަށް ނިންމައިފައެވެ. ޕާކިސްތާނުންވަނީ ކައްކާ ތެލާއި ބޭސްފަރުވާގެ ސާމާނު އަފްޣާނިސްތާނަށް ފޮނުވައިފައެވެ. އޭގެ އިތުރުން ރަޝިޔާއާއި ޤަޠަރުންވެސް އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ އެއްބަސްވެފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އަލުން ހުޅުވައިފައިވަނީ ޤަޠަރުގެ އެހީތެރިކަމާއެކުއެވެ. އެ ޤައުމުތަކުންވަނީ އަފްޣާނިސްތާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ގޮވާލައިފައެވެ.