ޚަބަރު

ސީއެސްސީގެ ފަންނީ މުވައްޒަފުންނަށް އަލުން ސެޓިފިކެޓް ޕްރޮމޯޝަން ދޭން ފަށަނީ


ސިވިލް ސަރވިސްގެ ފަންނީ މުވައްޒަފުން ވަކި ފެންވަރެއްގެ ސަނަދެއް ހޯދުމުން ދޭ "ސެޓިފިކެޓް ޕްރޮމޯޝަން" އަލުން ދޭން ނިންމައިފިއެވެ.

މި ސެޓްފިކެޓް ދިނުން ހުއްޓާލާފައިވަނީ ކޯވިޑާއި ގުޅިގެން ދިމާވި އިޤްތިޞާދީ ދަތިތަކާ ހެދި ފިނޭންސް މިނިސްޓްރީން އެޅި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ފަންނީ ދާއިރާގެ އޮނިގަނޑުގައި ސެޓިފިކެޓް ޕްރޮމޯޝަން ލިބޭ ގޮތަށް އޮންނަ ހުރިހާ މުވައްޒަފުންނަށް އަންނަ މަހުގެ 1 އިން ފެށިގެން ސެޓިފިކެޓް ޕްރޮމޯޝަނަށް ހުށަހެޅޭނެކަމަށެވެ. ފަންނީ މުވައްޒަފުންގެ ގޮތުގައި މުދައްރިސުންވެސް ހިމެނޭއިރު މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސީއެސްސީން ސެޓިފިކެޓް ޕްރޮމޯޝަން ލިބުނު ނަމަވެސް، އެއާ އެއްގޮތަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ފަރާތްތަކަށް ނުލިބި ހުރި މުސާރަ އާއި އިނާޔަތްތައް ވެސް އެ މުއްދަތުން ފެށިގެން ދޭން ފަށާނެކަމަށެވެ.

އަދި ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް އެޕްރޫވްވާ ދުވަހުން ފެށިގެން އަންނަ މަހުގެ 1 ގެ ނިޔަލަށް ދޫނުކޮށް ހުރި މުސާރަ އާއި އިނާޔަތްތައް އަންނަމަހުން ފެށިގެން ދިނުމާ ގުޅޭގޮތުން އެކޮމިޝަނުން ކުރަމުންދާ މަޝްވަރާތަކަށް ފަހު އެ ފައިސާ ދިނުމާ މެދު ވަކި ގޮތެއް ނިންމާނެ ކަމަށް އެޑިއުކޭޝަނުން ނެރުނު ބަޔާނުގައިވެއެވެ.