ޚަބަރު

ނިޔުކްލިޔަރ އެއްބަސްވުމުގެ މައްސަލާގައި އީރާނާއި އައިއޭއީއޭ އެއް ގަލަކަށް


2015ވަނަ އަހަރުގެ ތެރޭގައި އެކުލަވާލި ނިޔުކްލިޔަރ އެއްބަސްވުމުގެ މައްސަލާގައި އީރާނާއި އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޭއީއޭ އެއް ގަލަކަށް އަރައިފިއެވެ.

އައީއޭއީއޭގެ އިސްވެރިޔާ ރަފައެލް ގުރޮއްސީވަނީ އީރާނުގެ ވެރިރަށް ތެހުރާނަށް ވަޑައިގެން އެ ޤައުމުގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އޭއީއޯއައިއާ އަލަށް ޙަވާލުވެވަޑައިގެންފައިވާ މުޙައްމަދު އަސްލަމީއާ ބައްދަލުކުރައްވައިފައެވެ. އެއީ އޮގަސްޓު މަހުގެ 3ވަނަ ދުވަހު އީރާނުގެ ވެރިކަމާ މުޙައްމަދު ރައީސީ ޙަވާލުވެވަޑައިގެންނެވިފަހުން ގުރޮއްސީ އެ ޤައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ތެހުރާނުގައި ބޭއްވި ބައްދަލުވުމުގައި ގުރޮއްސީއާއި އަސްލަމީވަނީ ކާމިޔާބު މަޝްވަރާތަކެއް ކުރައްވައިފައެވެ. އަދި އޮސްޓުރިޔާގެ ވެރިރަށް ވިޔެނާގައި ބާއްވައި އައިއޭއީއޭގެ ބައްދަލުވުމުގެ ހަވާސާގައި އިތުރު މަޝްވަރާތަކެއް ކުރެއްވުމަށް އެ ދެ ބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ. އޭގެ އިތުރުން އީރާނުގެ ނިޔުކްލިޔަރ ހަކަތަ އުފައްދާ މަރުކަޒުތަކުގެ ކެމެރާތަކުގެ ވީޑިޔޯތައް ބެލުމަށް ގުރޮއްސީ ތެހުރާނަށް އެނބުރި ވަޑައިގެންނެވުމަށްވެސްވަނީ އެއްބަސްވެވަޑައިގެންފައެވެ.

އައިއޭއީއޭއާއި އޭއީއޯއައިގެ އެންމެ އިސްވެރިންގެ މެދުގައި މަޝްވަރާތަކެއް ކުރައްވައިފައިވަނީ އޭއީއޯއައިގެ މަސައްކަތްތަކާ ގުޅޭގޮތުން ކަނބޮޑުވުން ފާޅުކޮށް އައިއޭއީއޭއިން ބަޔާނެއް ނެރެފައިވަނިކޮށެވެ. އަދި އޭއީއޯއައިގެ އެއްބާރުލުން ނުލިބޭކަމަށްވެސް އައިއޭއީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.