ޚަބަރު

މެދުއިރުމަތީގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިން އީރާނުން ތަމުރީންކޮށްދޭ: އިސްރާއީލް


މެދުއިރުމަތީގައި ޙަރަކާތްތެރިވާ އެކި ޖަމާޢަތްތަކަށް ނިޞްބަތްވާ ހަނގުރާމަވެރިން އީރާނުން ތަމުރީންކުރަމުންދާކަމަށް އިސްރާއީލުގެ ޔަހޫދީ ދަޢުލަތުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސް ތުޙްމަތުކުރައްވައިފިއެވެ.

އިސްރާއީލުގެ ވެރިރަށް ތަލް އަބީބުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގެންޓްސް ވިދާޅުވީ އީރާނުގެ އިޞްފަހާން ކައިރީގައި އޮންނަ ކާޝާންގެ އަސްކަރީ ވައިގެ މަރުކަޒުގައި ހަނގުރާމަވެރިންނަށް ތަމުރީންތައް ދެމުންދާކަމަށެވެ. އެ ގޮތުން ގެންޓްސް ތުޙްމަތުކުރެއްވި ގޮތުގައި ޢިރާޤާއި ސޫރިޔާއާއި ލުބުނާނާއި ޔަމަނުގެ ޖަމާޢަތްތަކަށް ނިޞްބަތްވާ ހަނގުރާމަވެރިން އީރާނުން ތަމުރީންކޮށްދެއެވެ. އެ ތަމުރީންތަކުގެ ތެރޭގައި ހަނގުރާމަމަތީ ޑުރޯން ދުއްވަން ދަސްކޮށްދިނުން ހިމެނެއެވެ. އީރާނުން ހިންގައި ތަމުރީންތައް ފެންނަ ސެޓަލައިޓު ފޮޓޯތައް އެބަހުރިކަމަށް ގެންޓްސް ވިދާޅުވިއެވެ.

ހަނގުރާމަމަތީ ޑުރޯން އުފައްދާނެ ގޮތުގެ މަޢުލޫމާތު ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތަށް ފޯރުކޮށްދިނުމަށް އީރާނުން މަސައްކަތްކޮށްފައިވާކަމަށްވެސް ގެންޓްސް ތުޙްމަތުކުރެއްވިއެވެ. މިދިޔަ މެއި މަހުގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް ޙަމާސުންވަނީ 4،000އަށްވުރެ ގިނަ މިސައިލް ޙަމަލާ ދީފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ މިސައިލްތައް އުފެއްދުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ އީރާނުންނެވެ.

ޢިރާޤާއި ސޫރިޔާގައި ޙަރަކާތްތެރިވާ ޝިޢީ ހަނގުރާމަވެރި ޖަމާޢަތްތަކާއި ލުބުނާނުގެ ޙިޒުބުﷲ ޖަމާޢަތާއި ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާ އީރާނާ ގާތްގުޅުންތަކެއް އޮވެއެވެ. އެ ގޮތުން ޢިރާޤުގެ ވަރުގަދަ ޝިޢީ ޖަމާޢަތްތައްވަނީ އެ ޤައުމުގެ ސަރުކާރުން ބަލައިގަނެފައެވެ. އޭގެ އިތުރުން ޙިޒުބުﷲއަކީ ލުބުނާނުގެ އެންމެ ނުފޫޒުގަދަ ޖަމާޢަތެވެ. އަދި އީރާނުގެ އަސްކަރިއްޔާއާއި ޙިޒުބުﷲއަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެ ޤައުމުގެ ދާޚިލީ ހަނގުރާމަ ކާމިޔާބުކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްދޭ ބައިވެރިންނެވެ.