ކުޅިވަރު

އިންޓަރ އާއި ސަމްޕްޑޯރިއާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ


އިޓާލިއަން ސެރީއާ ގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނާއި ސެމްޕްޑޯރިއާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ސެމްޕްޑޯރިއާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސަޕްޑޯރިއާއެވެ. ނަމަވެސް މިމެޗްގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އިންޓަރއިންނެވެ. އެއީ މެޗްގެ 18 ވަނަ މިނެޓްގައި ފެޑޭރީކޯ ޑިމާކޯ ޖަހައިދިން ލަނޑުން. ނަމަވެސް ސެމްޕްޑޯރިއާއިން ވަނީ މެޗްގެ 33 ވަނަ މިނެޓްގައި ޖަޕާންގެ ޑިފެންޑަރ މާޔާ ޔޮޝީޑާ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗްގައި އަނެއްކާވެސް ފެނިގެންދިޔައީ އިންޓަރއިން ލަނޑެއް ޖަހައި މެޗްގެ ލީޑު ދެވަނަ ފަހަރަށް ނެގި ތަނެވެ. ފުރަތަމަ ހާފް ނިމިނިމި އޮއްވާ މިލަނޑު އެޓީމަށް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒްއެވެ. މިމެޗްގައި ސަމްޕްޑޯރިއާއިން ދެވަނަ ފަހަރަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފް ފެށުނުތާ 2 ވަނަ މިނެޓްގައި ޓޮމާސޯ އައުގޭލޯ ޖަހައިދިން ލަނޑުންނެވެ. މިމެޗްގެ ދެވަނަ ހާފްގައި ދެޓީމުން އިތުރު ހަމަލާ ތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.

މިއީ މިފަހަރުގެ ސީޒަންގައި އިންޓަރ އެއްވަރުވި ފުރަތަމަ މެޗެވެ. އިންޓަރ އިން މިހާރު ތިން މެޗް ކުޅޭފާވާއިރު ލިބިފައިވާ ހަތް ޕޮއިންޓާއެކު އުޅޭނީ ތާވަލްގެ ހަތަރު ވަނައިގައެވެ. މިސީޒަންގައި އަދި މެޗަކުން މޮޅު ނުވާ ސެމްޕްޑޯރިއާ އުޅެނީ ތިން މެޗުން ލިބިފައިވާ 2 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ. ސެރީއާގެ އެއްވަނައިގާ މިވަގުތު އުޅެނީ ރޭ ސަސުއޮލޯ އާއި ބައްދަލުކޮށް 2 ލަނޑު އެއްލަނޑުން މޮޅުވި އޭއެސް ރޯމާއެވެ. ރޯމާވަނީ މިހާތަނަށް ކުޅުނު ތިން މެޗް ކާމިޔާބުކޮށް 9 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ރޯމާއަށް ކުރި ލިބިފައިވަނީ ޖަހާފައިވާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ.