މުނިފޫހިފިލުވުން

އެލެންގެ ފަހު ޝޯގައި ޖެނިފާއަށް ހަމަ ރޮވެނީ


2003 ވަނަ އަހަރު ދައްކަންފެށި "ދަ އެލެން ޑީ ޖެނެރސް" ޝޯގެ ފުރަތަމަ ބައިވެރިޔަކީ މަޝްހޫރު ހޮލީވުޑްތަރި ޖެނިފާ އެނިސްޓަންއެވެ. މި ޝޯ ހުއްޓާލަން ނިންމާ އެންމެ ފަހުގެ އެޕިސޯޑްތައް ދައްކަމުން އަންނައިރު އެންމެ ފަހު ޝޯގެ ގެސްޓަކަށްވެސް މިވީ ޖެނިފަރ އެނިސްޓަންއެވެ.

ކުރިއަށް އޮތް އެންމެފަހު އެޕިސޯޑްގެ ޕްރޮމޯ މިހާރު ދައްކާލާފައިވާއިރު އެ ޕްރޮމޯއިން ފެންނަނީ ޖެނިފާ ރޮވިފައި އިންނަ މަންޒަރެވެ. ކަޅުކުލައިގެ ޖަމްޕަސޫޓެއްގައި ހުރި ޖެނިފާ ޝޯގެ ސެޓަށް ވަންނައިރުވެސް އަންނަނީ ރޮމުން ރޮމުންނެވެ. އަދި އޭނާ އެންމަފަހުން ޓޯކް ޝޯއެއްގައި ބައިވެރިވެފައިވަނީ އެލެންގެ މި ޝޯގައި ކަމަށް ޖެނިފާ ބުނެއެވެ.

ޖެނިފާގެ އިތުރުން ޖިމީ ކިމެލް، ކިމް ކަރްދާޝިއަން، މެލިއްސާ މެކްކާތީ، ޓިފަނީ ހާޑިޝް އަދި އިތުރު އެހެން ތަރިންވެސް ކުރިއަށްއޮތް ފައިނަލް އެޕިސޯޑްގައި ފެންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

2003 ވަނަ އަހަރުން ފެށިގެން ޓެލެ ޕިކްޗާރސްއިން ޕްރޮޑިއުސްކޮށް ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ އެމެރިކާގެ ކޮމެޑީ ޓޯކް ޝޯ "ދަ އެލެން ޑީ ޖެނެރސް ޝޯ" ހުއްޓާލަން ނިންމާފައިވާކަމަށް އެލެން ވަނީ މިދިޔަ މެއި މަހު އިޢުލާނުކޮށްފައެވެ.

މުވައްޒަފުންލައްވާ ގަދަކަމުން މަސައްކަތްކުރުވުމާއި މުވައްޒަފުންނަށް ޖެއްސުންކުރާކަމަށް ބުނެ މިދިޔަ އަހަރު މި ޝޯއަށް ވަނީ ވަރަށްގިނަ ފާޑުކިޔުންތަކެއްވެސް އަމާޒުވެފައެވެ. މި މައްސަލައިގައި އެލެން ވަނީ މުވަޒަފުންގެ ކިބައިން މައާފަށްވެސް އެދިފައެވެ.