މުނިފޫހިފިލުވުން

އަމީތާބުގެ "'އޫންޗާއީ" އަށް އަނެއްކާވެސް އައު ތަރިންތަކެއް


ގިނަ ތަރިންތަކަކާއިއެކު އުފައްދާ ސޫރަޖް ބަރްޖަތްޔާގެ ކުރިއަށްއޮތް ފިލްމު "'އޫންޗާއީ" އަށް އަނެއްކާވެސް އައުތަރިންތަކެއް ހަމަޖައްސައިފިއެވެ.

ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އުފައްދާ މި ފިލްމުގައި މިހާރުވެސް އަމީތާބު ބައްޗަން، ބޯމަން އިރާނީ، އަނޫޕަމް ކޭރް. ނީނާ ގުޕްތާ އަދި ޕަރިނީތީ ޗޯޕްރާ މުހިންމު ރޯލުތަކުން ފެންނާނެއެވެ. މި ޓީމަށް މިހާރު އިތުރުވެފައިވާ ދެ ތަރިންނަކީ ގިނަ ފިލްމުތަކުގައި ނެގެޓިވް ރޯލްތަކުން ފެންނަ ޑެނީ ޑެންޒޮންގްޕާ އަދި އެކްޓްރެސް އަދި ކޮސްޓިއުމް ޑިޒައިނަރ ސަރީކާ ޓާކޫރުއެވެ.

މި ފިލްމަކީ 60 އަހަރުން މަތިވެފައިވާ ހަތަރު ރަޙްމަތްތެރިންގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ހަތަރު ރަޙްމަތްތެރިންގެ ރޯލުން ފެންނާނީ އަމީތާބު، ބޯމަން، އަނޫޕަމް އަދި ޑެނީ އެވެ.

40 ދުވަހުގެ ޝެޑިއުލަކާއިއެކު ފިލްމުގެ މަސައްކަތް އަންނަ އޮކްޓޫބަރުމަހު ނޭޕާލްގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާގެ މުމްބާއީ އަދި ދިއްލީގައިވެސް ފިލްމުގެ ބައެއް މަންޒަރުތައްނެގުމަށްވަނީ ހަމަޖެހިފައެވެ. ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް މަހަށް ނިންމާލާނެކަމަށްވެސް ޚަބަރުތައް ބުނެއެވެ.
""'އޫންޗާއީ"" އަށް ފަހު ސޫރަޖް ދެން އެންމެ އަވަހަށް ފަށާނީ ސަލްމާންޚާނާއިއެކު ފަށާ މެރިއޭޖް ޑްރާމާގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތެވެ.