ޚަބަރު

ޙާލަތު ގޯސްވެފައިވާ އޮސްޓުރޭލިޔާއާއި ނިޔު ޒީލޭންޑުން ގިނަ ޢަދަދެއްގެ ވެކްސިން ހޯދައިފި


ކޯވިޑް-19ގެ ޙާލަތު ގޯސްވެފައިވާ އޮސްޓުރޭލިޔާއާއި ނިޔު ޒީލޭންޑުން ވެކްސިންގެ ގިނަ ޢަދަދެއްގެ ޑޯސް ހޯދައިފިއެވެ.

ރެކޯޑު ޢަދަދަކަށް ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އޮސްޓުރޭލިޔާގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންވަނީ ވިލާތުގެ އިއްތިޙާދުން އެއް މިލިޔަން ޑޯސްގެ ވެކްސިން އެ ޤައުމުން ހޯދާފައިވާކަން އިޢުލާންކުރައްވައިފައެވެ. އޭގެ ތަފުޞީލު ދެއްވަމުން މޮރިސަން ވިދާޅުވީ އޮސްޓުރޭލިޔާއިން ހޯދާފައިވަނީ މޮޑަނާ ވެކްސިންގެ އެއް މިލިޔަން ޑޯސްކަމަށެވެ. އަދި ސަރުކާރުގެ މަޤްޞަދަކީ އޮސްޓުރޭލިޔާގައި ވެކްސިން ޖަހަމުންދާ ދުވެލި ބޮޑުތަނުން އިތުރުކުރުންކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. އެކަށީގެންވާ ދުވެއްޔެއްގައި އޮސްޓުރޭލިޔާގައި ވެކްސިން ޖަހަމުން ނުދާކަން ފާހަގަކުރައްވައި މޮރިސަންވަނީ މީގެ ކުރިން ޢާއްމުންގެ ކިބައިން މަޢާފަށްވެސް އެދިވަޑައިގެންފައެވެ.

އޮސްޓުރޭލިޔާއިން މޮޑަނާ ވެކްސިންގެ 25 މިލިޔަން ޑޯސް ހޯދުމަށް މަސައްކަތްކުރާކަން ހާމަކުރައްވަމުން މޮރިސަންވަނީ ފުރަތަމަ އެއް މިލިޔަން ޑޯސް މި ހަފުތާގެ ތެރޭގައި އަންނާނެކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން އޭނާވަނީ އޮސްޓުރޭލިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދެވޭނީ އާބާދީގެ 70 އިންސައްތަ މީހުން ވެކްސިންގެ ޑޯސްތައް ފުރިހަމަކުރުމުންކަމަށް ވިދާޅުވެފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގެ ދެބައިކުޅަ އެއްބައި މީހުން ތިބީ ފުރަބަންދުކޮށްފައެވެ. އެ ގޮތުން ފުރަބަންދުކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްއާއި ވިކްޓޯރިޔާއާއި ވެރިކަންކުރާ މެލަބަން ހިމެނެއެވެ. އެ ޤައުމުގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ އާބާދީގެ 33 އިންސައްތަ މީހުންނެވެ. އެ ޤައުމުގައި 73,610 މީހުންނަށް ބަލިޖެހި 1,091 މީހުންވަނީ މަރުވެފައެވެ.

ނިޔު ޒީލޭންޑުގެ ބޮޑުވަޒީރު ޖަސީންޑާ އާޑާންވަނީ ޑެންމާކުން 500،000 ޑޯސްގެ ވެކްސިން ހޯދައިފައިވާކަން އިޢުލާންކުރައްވައިފައެވެ. އޭގެ ތަފުޞީލު ދެއްވަމުން އާޑާން ވިދާޅުވީ ނިޔު ޒީލޭންޑުން ހޯދާފައިވަނީ ފައިޒަރ ވެކްސިންގެ 500،000 ޑޯސްކަމަށެވެ. އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ އޮކްލޭންޑުގައި ހަރުކަށި ފުރަބަންދެއް ތަންފީޒުކުރި ނަމަވެސް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުތައް ދަށަށް ގޮސްފައެއް ނުވެއެވެ. އެ ޤައުމުގެ އާބާދީގެ ތިންބައިކުޅަ އެއްބައި ތިބީ ހަރުކަށި ފުރަބަންދެއްގެ ތެރޭގައެވެ.

5.1 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ނިޔު ޒީލޭންޑުގައި ވެކްސިންގެ ޑޯސްތައް ފުރިހަމަކޮށްފައިވަނީ އާބާދީގެ 28 އިންސައްތަ މީހުންނެވެ. އެ ޤައުމުގައި 3,913 މީހުންނަށް ބަލިޖެހި 27 މީހުންވަނީ މަރުވެފައެވެ.