ޚަބަރު

ސަރުކާރު އުވާލެއްވި ތޫނީސިޔާގެ ރައީސް ބޭނުންފުޅުވަނީ ޤާނޫނުއަސާސީ ބަދަލުކުރައްވަން


ތޫނީސިޔާގެ ޤާނޫނުއަސާސީ ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވިކަމަށް އެ ޤައުމުގެ ރައީސް ޤައީސް ސަޢީދު ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ތޫނީސިޔާގެ ރައީސް އެ ޤައުމުގެ ސަރުކާރު އުވާލައްވައިފައިވަނީ ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތައް ހައްލުކުރެއްވުމަށް ކުރެއްވި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުންނެވެ. ތޫނީސީޔާގެ ރައީސާއި ބޮޑުވަޒީރާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވަނީ އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ ޢަރަބި ޤައުމެއްކަމަށްވާ ތޫނީސިޔާގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. އެއާއެކު ބަލިމަޑުކަމާ ދެކޮޅަށް މަޝީޝީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދުވެސް ޢާންމުންވަނީ ހިތްހަމަނުޖެހިފައެވެ. އެއާއެކު ސަޢީދުވަނީ ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލެއްވުމަށްފަހު އިދިކޮޅުން ކުރަމުންދިޔަ މުޒާހާރާގައި ބައިވެރިވެވަޑައިގެންފައެވެ.

ޖުލައި މަހުގެ 25ވަނަ ދުވަހު ތޫނީސިޔާގެ ސަރުކާރު އުވާލައްވައި އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވިފަހުން އެ ޤައުމުގައި ސަރުކާރެއް އެކުލަވާލާފައެއް ނުވެއެވެ. އަދި މަޝީޝީގެ ބަދަލުގައި ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަންކުރައްވާނެ ބޭފުޅެއްގެ އިޝާރާތެއްވެސް ސަޢީދު ނުދެއްވައެވެ.

ޓީވީ މެދުވެރިކުރައްވައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ ޤާނޫނުއަސާސީ ބަދަލުކުރެއްވުމުގެ މަސައްކަތް ކުރައްވާނީ 2014ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ޙުދޫދުގެ ތެރެއިންކަމަށެވެ. ތޫނީސިޔާގެ ޤާނޫނުއަސާސީ ބަދަލުކުރުމަށް ޢާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން އެކަށީގެންވެއެވެ. ނަމަވެސް އެއީ އިދިކޮޅުން ތާޢީދުކުރާނެ ނިންމުމެއްކަމަކަށް ނުބެލެވެއެވެ. އޭގެ އިތުރުން ސަޢީދު ވިދާޅުވެފައިވަނީ ވަރަށް އަވަހަށް ތޫނީސިޔާގައި ސަރުކާރެއް އެކުލަވާލައްވާނެކަމަށެވެ. ނަމަވެސް އެ ކަމުގެ އެއްވެސް ތަފުޞީލެއް ދެއްވައިފައެއް ނުވެއެވެ.

ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލެއްވުމަށްފަހު އެ ޤައުމުގެ ސަރުކާރު އުވާލެއްވުމުން ޢާއްމުންގެ މެދުގައި ސަޢީދުގެ މަޤްބޫލުކަންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އޭނާގެ ނިންމެވުމުގެ ސަބަބުން ތޫނީސިޔާގެ ވެރިކަމުގެ ނިޒާމުވަނީ ނޭނގުމެއްގެ ތެރެއަށް ވެއްޓިފައެވެ. ތޫނީސުތާގައި ސަރުކާރެއް އެކުލަވާލައި ސިޔާސީ ހަމަޖެހުން ގެނައުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ ސަޢީދަށް ވަރަށް ބޮޑަށް ބާރުއަޅައިފައެވެ.

ތޫނީސިޔާގައި ދިމީޤްރާޠީ ވެރިކަމުގެ ނިޒާމެއް ޤާއިމުކޮށްފައިވަނީ 2011ވަނަ އަހަރުގެ ތެރޭގައި ފެތުރުނު ޢަރަބި ބަހާރުގެ ތެރެއިންނެވެ. ނަމަވެސް އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި އެ ޤައުމުގައި އެކަށީގެންވާ ގޮތަކަށް ސަރުކާރެއް ހިންގިފައެއް ނުވެއެވެ.