ޚަބަރު

ޠާލިބާނުން ހަދަނީ ދޮގު، އެއްވެސް ގުޅުމެއް ނުބާއްވާނަން: ފަރަންސޭސިވިލާތް


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާނުން ހަދަނީ ދޮގުކަމަށާއި އެ ޖަމާޢަތާ އެއްވެސް ގުޅުމެއް ފަރަންސޭސިވިލާތުން ނުބާއްވާނެކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ޖޯނ އީވު ލު ދޮރިޔަން ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުން ދޫކޮށްދާން ބޭނުންވެފައިވާ މީހުންނާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ޤަޠަރަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ލު ދޮރިޔަން ވިދާޅުވީ އެ ޤައުމު ދޫކޮށް ދާން ބޭނުންވާ މީހުން ރައްކާތެރިކަމާއެކު ދިޔުމަށް ފުރުޞަތު ދޭނެކަމަށާއި އެ ޤައުމުގައި އެންމެންގެ ބައިވެރިވުން އޮންނަ ސަރުކާރެއް އެކުލަވާލާނެކަމަށް ޠާލިބާނުން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. އަދި ޠާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް ފަރަންސޭސިވިލާތުން ދެކޮޅުހަދައިކަމަށާއި ޠާލިބާނުންގެ ޢަމަލުތަކުން ކަންކަން ސާބިތުކޮށްދޭންޖެހޭކަމަށް ލު ދޮރިޔަން ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ގުޅުންތަކާއި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ޠާލިބާނުން ބޭނުންވާކަމަށާއި އެ ކަންކަން ޙާޞިލްކުރުމަށް މަސައްކަތްކުރަންޖެހޭނީ އެ ޖަމާޢަތުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފްޣާނިސްތާނުން ދޫކޮށްދާން ބޭނުންވެފައިވާ ފަރަންސޭސިވިލާތުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި އެ ޤައުމާ ގުޅުން އޮންނަ އަފްޣާނިސްތާނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އަދިވެސް އެބަތިއްބެވެ. ލު ދޮރިޔަން ޤަޔަރަށް ވަޑައިގެންނެވީ ރައްކާތެރިކަމާއެކު އެ މީހުން އަފްޣާނިސްތާނުން ގެންދެވޭނެ ގޮތްތަކެއް ދެނެގަތުމަށެވެ.