ޚަބަރު

9/11ގެ ޙަމަލާ: ޖޮންސަން ވިދާޅުވީ މިނިވަންކަމަށް އަސަރެއް ނުކުރެވުނުކަމަށް


2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އަލްޤައިދާއިން އެމެރިކާއަށް ޢުދުވާނީ ޙަމަލާތަކެއް ދިން ނަމަވެސް މިނިވަންކަމާއި ދިމީޤްރާޠީ ވިސްނުމުގެ މީހުންގެ މެދުގައި ބައިބައިވުން ނުއުފެއްދުނުކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ.

އަލްޤައިދާއިން އެމެރިކާއަށް ދިން ޢުދުވާނީ ޙަމަލާތަކަށް 20 އަހަރު ފުރުމުން ޢާއްމުކުރެއްވި ވީޑިޔޯ ޙިޠާބެއްގައި ޖޮންސަން ވިދާޅުވީ އޭރު އޮތް ނުކުރައްކާތެރިކަން މިއަދުވެސް އެބައޮތްކަމަށެވެ. އަދި ޙަމަލާތައް ދީގެން ޤައުމުތަކުގެ މެދުގައި ބައިބައިވުންތައް އުފައްދައި ވިސްނުންތައް ބަދަލުކުރުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާކަމަށް ޖޮންސަން ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގެ މަޞްރަޙަށް އައިސްފައިވާ ބަދަލުތަކުން ދިމީޤްރާޠީ ވިސްނުންތަކުގައި ދެމިތިބުމަށް އިތުރު ހިތްވަރެއް ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އަލްޤައިދާއިން އެމެރިކާއަށް ދިން ޢުދުވާނީ ޙަމަލާތަކުގައި 3،000 މީހުން މަރުވިއެވެ. އެ ޙަމަލާތަކުގެ ރައްދުގައި އެމެރިކާއިންވަނީ އަފްޣާނިސްތާން އިސްތިޢުމާރުކުރުމަށްފަހު ޠާލިބާން ޖަމާޢަތުގެ ވެރިކަން ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ޢިރާޤް އިސްތިޢުމާރުކުރުމަށްފަހު ސައްދާމު ޙުސައިންގެ ވެރިކަން އެމެރިކާއިންވަނީ ނިމުމަކަށް ގެނެސްފައެވެ. އެމެރިކާއިން ފެށި ހަނގުރާމަތަކުގައި އެންމެ މުޙިއްމު ބައިވެރިއަކަށްވެފައިވަނީ އިނގިރޭސިވިލާތެވެ.