ޚަބަރު

9/11ގެ ޙަމަލާ: ބައިޑަން ބާރުއެޅުއްވީ އެއްބައިވަންތަކަން އިސްކުރުމަށް


އެމެރިކާގެ އެންމެ ވަރުގަދަ ބާރަކީ އެއްބައިވަންތަކަންކަމަށް ވިދާޅުވެ ޤައުމުގެ ރައްޔިތުން އަބަދުވެސް އެއްބައިވަންތަކާއެކު ތިބުމަށް އެ ޤައުމުގެ ރައީސް ޖޯ ބައިޑަން އިލްތިމާޞްކުރައްވައިފިއެވެ. އޭނާ އެ މޭރުމުން ވާހަކަދައްކަވާފައިވަނީ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އަލްޤައިދާއިން އެމެރިކާއަށް ދިން ޢުދުވާނީ ޙަމަލާތަކަށް 20 އަހަރު ފުރުމުން ޤައުމާ މުޙާތަބުކުރައްވަމުންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގައި ހުންނަވައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ އެއްބައިވަންތަވުމަކީ އެންމެން އެއްގޮތަކަށް ވިސްނުމެއްނޫންކަމަށާއި އެކަކު އަނެކަކުގެ ދީނާއި ވިސްނުމަށް އިޙްތިރާމުކުރުންކަމަށެވެ. އަދި އޭނާވަނީ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ޙަމަލާތަކުގައި މަރުވި މީހުންގެ ހަނދާން އައުކުރައްވައި ޤައުމީ ޚިދުމަތުގައި އެ ދުވަހު ޙަރަކާތްތެރިވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައިފައެވެ. އޭގެ އިތުރުން އޭނާވަނީ އަލްޤައިދާއިން ޙަމަލާތައް ދިން ތިން ސަރަޙައްދަށް ޒިޔާރާތްކުރައްވައިފައެވެ.

އެއްބައިވަންތަކަން އިސްކުރުމަށް ބާރުއަޅުއްވައި ބައިޑަން ވާހަކަދައްކަވައިފައިވަނީ އެމެރިކާގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ސިޔާސީ ދެބަސްވުންތައް އިތުރުވެ ކޯވިޑް-19އާ ގުޅޭ ކަންކަމުގައި ޢާއްމުންގެ މެދުގައި ޚިޔާލު ތަފާތުވެ ނަޞްލީ ތަފާތުކުރުންވަނީ އެމެރިކާގައި އިންތިހާއަށް އިތުރުވެފައެވެ.

2001ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހު އަލްޤައިދާއިން އެމެރިކާއަށް ދިން ޢުދުވާނީ ޙަމަލާތަކުގައި 3،000 މީހުން މަރުވިއެވެ. އެ ޙަމަލާތަކުގެ ރައްދުގައި އެމެރިކާއިންވަނީ އަފްޣާނިސްތާން އިސްތިޢުމާރުކުރުމަށްފަހު ޠާލިބާން ޖަމާޢަތުގެ ވެރިކަން ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ޢިރާޤް އިސްތިޢުމާރުކުރުމަށްފަހު ސައްދާމު ޙުސައިންގެ ވެރިކަން އެމެރިކާއިންވަނީ ނިމުމަކަށް ގެނެސްފައެވެ.

ސެޕުޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ޙަމަލާތަކާ ގުޅިގެން އެމެރިކާގައި ކުރަމުންދާ ޝަރީޢަތްތަކަށް އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ.

ނަން

ހަމަލާއަކީ އެމެރިކާގެ އިންސައިޑް ޖޮބެއް އެއީ އަލްޤައިދާއިން ކުރިކަމެއް ނޫން މިކަމުގައި ހެކި އެބަހުރި