ޚަބަރު

ޖަލުން ފިލި ފަލަސްޠީނުގެ ބައެއް މީހުން ޔަހޫދީން ހައްޔަރުކޮށްފި


އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިސްރާއީލުގައި ހިންގައި ޖަލަކުން ފިލި ފަލަސްޠީނުގެ 6 ޤައިދީންގެ ތެރެއިން 4 މީހުން ހޯދައި އަލުން ހައްޔަރުކޮށްފިއެވެ.

ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އުތުރުގެ ސަރަޙައްދުތަކުގައި ހުންނަ ގިލްބާއޯ ޖަލުން ފިލި 6 މީހުން ހައްޔަރުކުރުމަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ފާއިތުވި ހަފުތާގެ ތެރޭގައި ވަރަށް ހަރުކަށިކަމާއެކު ޢަމަލުކޮށްފައެވެ. އެ މީހުންގެ ތެރެއިން 4 މީހުން ހައްޔަރުކޮށްފައިވަނީ ޢަރަބިންގެ އަޣްލަބިއްޔަތު އޮންނަ އިސްރާއީލުގެ ރަށެއްކަމަށްވާ އަންނާޞިރާއިންނެވެ.

އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހައްޔަރުކުރި 4 މީހުންގެ ތެރޭގައި ފަޠަޙަ ޖަމާޢަތުގެ އަލްއަޤްޞާ މާޓިޔާސް ބުރިގޭޑުގެ އިސްވެރިއެއްކަމަށްވާ ޒަކަރިއްޔާ ޒުބެއިދީ ހިމެނެއެވެ. އޭނާއަކީ 2000ވަނަ އަހަރުން 2005ވަނަ އަހަރާ ހަމައަށް ޔަހޫދީންނާ ދެކޮޅަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި އެކަކެވެ.

ގިލްބާއޯ ޖަލުން ފިލި 6 ޤައިދީންގެ ތެރެއިން 4 މީހުންނަށްވަނީ އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވައިފައެވެ. ޒުބައިދީ ފިޔަވައި އަނެއް 5 މީހުން ނިޞްބަތްވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ އިސްލާމިކް ޖިހާދަށެވެ.

ޔަހޫދީން މީގެ ކުރިން ބުނެފައިވަނީ އެ ޖަލުގައި އަޅާފައިވަނީ އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައްކަމަށާއި އެ ޖަލުން ފިލުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އެ ޖަލުގައި ގިނައިން ބަންދުކޮށްފައި ތިބީ ޔަހޫދީންނާ ދެކޮޅަށް ތަފާތު ޙަމަލާތައް ދީފައިވާ ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި ފަލަސްޠީނުގެ ރައްޔިތުންނެވެ.