ޚަބަރު

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ފައިނުގައި ލައިބްރަރީއެއް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ފައިނުގައި ލައިބްރަރީއެއް ގާއިމްކޮށްފިއެވެ. ރ. ފައިނުގެ ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް މިލައިބްރަރީ ޤާއިމްކޮށްފައިވަނީ އެރަށުގެ ކޮމިއުނިޓީ ސެންޓަރު ހުންނަ އިމާރާތުގައެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުމެވެ. މި ލައިބްރަރީގައި ތަފާތު ފޮތްތައް ހިމަނައި، ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހުމުގެ އިތުރުން ލައިބްރަރީގައި ވަނީ ކޮމްޕިއުޓަރ ލެބެއްވެސް ގާއިމްކޮށްފައެވެ. އެގޮތުން ދަރިވަރުން ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާރޗް މަސައްކަތް ކުރުމަށް 3 ކޮމްޕިއުޓަރ ސިސްޓަމް ވަނީ ބަހައްޓާފައެެވެ. މި ޕްރޮޖެކްޓްގެ ދަށުން ކޮމިއުނިޓީ ސެންޓަރ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި ފޮތް ހަރުގަނޑު ވަނީ ބަހައްޓާފައެވެ. އަދި ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އެޅޭ 3 ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ބެހެއްޓި ގިނަ ރައްޔިތުންނަށް ފޮތް ކިޔޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާރސް (ފޭސް) ޖަމިއްޔާގެ ރައީސް ޙުސައިން ވަހީދު ވިދާޅުވީ ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަރ ލެބްގެ ސަބަބުން ސްކޫލް ދަރިވަރުންނާއި، އެކި ކޯސްތަކުގައި ކިޔަވަމުންދާ ފަރާތްތަކާ އެޖަމިއްޔާއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށްބޮޑު އެހީއަކަށްވެގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ އިލްމީ މުޖުތަމައުއެއް ބިނާ ކުރުމަށް އެޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު އެހީއަކަށްވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.