ޚަބަރު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް އޮންނަ ތާޢީދު ބޮޑުތަނުން ދަށަށް


އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަނަށް އޮންނަ ތާޢީދު ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

އިނގިރޭސިވިލާތުގެ ނޫހަކުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގައި ބޭއްވި އާއްމު އިންތިޚާބަށްފަހު ޖޮންސަނަށް އޮންނަ ތާޢީދު އިދިކޮޅު ލޭބަރ ޕާޓީއަށްވުރެ ދަށަށްވަނީ ގޮސްފައެވެ. އެ ގޮތުން ވެރިކަންކުރާ ކޮންސަވޭޓިވް ޕާޓީއަށް އޮންނަ ތާޢީދުގެ ނިޞްބަތަކީ 33 އިންސައްތައެވެ. އަދި އިދިކޮޅު ލޭބަަރ ޕާޓީއަށް އޮންނަ ތާޢީދުގެ ނިޞްބަތަކީ 35 އިންސައްތަކަމަށް އެ ސާވޭއިންވަނީ ދައްކައިފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް އޮންނަ ތާޢީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވަނީ ޞިއްޙީ ދާއިރާއަށް ސަރުކާރުން ކުރަމުންދާ ހޭދަ އިތުރުކުރުމަށްކަމަށް ބުނެ ޓެކްސްގެ ނިޞްބަތް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޖޮންސަންގެ އެ ނިންމެވުމުގެ ސަބަބުން ޢާއްމު މަސައްކަތްތެރިންނާއި ކޮންސަވޭޓިވް ޕާޓީންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޓެކްސްގެ ނިޞްބަތަކީ ކުޑަ މިންވަރެއްކަމަށް ކަނޑައެޅުމަށް ކޮންސަވޭޓިވް ޕާޓީން އަބަދުވެސް ވަކާލާތުކުރެއެވެ. ނަމަވެސް ޓެކްސްގެ ނިޞްބަތް އިތުރުކުރުމަށް އެ ޕާޓީގެ ގިނަ މެންބަރުންވަނީ ވޯޓު ދީފައެވެ.