ޚަބަރު

އުތުރު ކޮރެޔާގެ އަސްކަރީ ހިނގާލުން މިފަހަރު ތަފާތު ގޮތަކަށް


އުތުރު ކޮރެޔާ އުފެއްދިތާ 73 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މި އަހަރުވެސް ޚާއްޞަ ޙަފުލާތަކެއް އެ ޤައުމުގައި ބާއްވައިފިއެވެ. ނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ތަފާތު ކަންތައްތަކެއް އެ ޙަފުލާތަކުންވަނީ ފާހަގަވެފައެވެ.

ކޮންމެ އަހަރެއްގެވެސް ސެޕުޓެންބަރު މަހުގެ 9ވަނަ ދުވަހަކީ އުތުރު ކޮރެޔާގެ އެންމެ މުޙިއްމު ދުވަސް ފާހަގަކުރާ ތާރީޚެވެ. އެ ދުވަހަކީ އެ ޤައުމު އުފެއްދި ދުވަހެވެ. އަދި އެ ދުވަސް އެ ޤައުމުގައި ފާހަގަކުރަނީ އެ ޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ކޮރެޔާ ދެބައިކުރުމުން ރަޝިޔާގެ ބާރުގެ ދަށުގައި އޮތް އުތުރުގެ ސަރަޙައްދުތަކުގައި ދަޢުލަތެއް ޤާއިމުކޮށްފައިވަނީ 1948ވަނަ އަހަރުގެ ސެޕުޓެންބަރު މަހުގެ 9ވަނަ ދުވަހުއެވެ.

އުތުރު ކޮރެޔާ އުފެއްދި ދުވަސް ފާހަގަކުރުމަށް ބާއްވައި ޚާއްޞަ ޙަފުލާތަކުގައި އެންމެ ގިނަ ބައެއްގެ ޝައުޤުވެރިކަން ލިބެނޭ އެ ޤައުމުގެ އަސްކަރީ ހިނގާލުމަށެވެ. ކޮންމެ އަހަރަކުވެސް އެ ހިނގާލުމުގައި އުތުރު ކޮރެޔާއިން އުފައްދާފައިވާ އެންމެ ފަހުގެ އަދި އެންމެ ޒަމާނީ ހަތިޔާރުތައް ދައްކައިލައެވެ. އޭގެ ތެރޭގައި ނިޔުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ބެލިސްޓިކް މިސައިލްތައް ހިމެނެއެވެ. ނަމަވެސް މި އަހަރުގެ ހިނގާލުމުގައި އެފަދަ މިސައިލެއް ދައްކާލައިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ދައްކާލާފައިވަނީ ޓޭންކަރަށް ޙަމަލާދިނުމަށް ބޭނުންކުރާ ރޮކެޓުތަކަކާއި އޭގެ އާލާތްތަކާއި އެތަކެތި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކެވެ.

މި އަހަރުގެ ހިނގާލުމުގައި އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ގަދަ އޮރެންޖު ކުލައިގެ ހެޒުމަތު ސޫޓު ލައިގެން ތިބި އުތުރު ކޮރެޔާގެ އަސްކަރީ ޚާއްޞަ ފައުޖުތަކެވެ. އެ ގޮތުން އެ ފައުޖުގެ އެތައް ހާސް ސިފައިންނެއްވަނީ ހެޒުމަތު ސޫޓު ލައިގެން ގޭސް މާސްކް އަޅައިގެން ހިނގާލުމުގައި ބައިވެރިވެފައެވެ. ހެޒުމަތު ސޫޓަކީ ވިހަ ކެމިކަލް މާއްދާތަކުން ސަލާމަތްވުމަށް އިންސާނުން ލުމަށް ތައްޔާރުކޮށްފައިވާ ހެދުމެކެވެ. އަދި އެއީ އަސްކަރީ ހިނގާލުންތަކުގައި ފެންނަ މަންޒަރެއްވެސް ނޫނެވެ. ބެލެވޭ ގޮތުގައި އުތުރު ކޮރެޔާގެ އަސްކަރީ ހިނގާލުމުގައި ސޫޓު ލައިގެން ތިބި އަސްކަރީ ޚާއްޞަ ފައުޖުތަކުގެ ސިފައިން ބައިވެރިވެފައިވަނީ އެ ޤައުމަށް ކެމިކަލް ހަތިޔާރުގެ ޤާބިލްކަން ލިބިފައިވާކަން ދެއްކުމުގެ ގޮތުންނެވެ. މި އަހަރުގެ ހިނގާލުމުގައި އުތުރު ކޮރެޔާގެ އެކި ފައުޖުތަކަށް ނިޞްބަތްވާ 5.7 މިލިޔަން ސިފައިން ބައިވެރިވެފައިވެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުން ޤައުމާ މުޙާތަބުކުރައްވައިފައެއްވެސް ނުވެއެވެ.