ޚަބަރު

އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން ފުރުމުގެ ޙުއްދަ ޠާލިބާނުން ދީފި


އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން އެ ޤައުމުން ފުރުމުގެ ޙުއްދަ ޠާލިބާން ޖަމާޢަތުން ދީފިއެވެ.

އެމެރިކާއިން ބުނި ގޮތުގައި އެ ޤައުމުން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ ސަފީރު ޒަލްމީ ޚާލިޒާދު މެދުވެރިއެއްގެ ގޮތުގައި ކުރެއްވި މަޝްވަރާތަކަށްފަހު އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ރައްޔިތުން ހިމެނޭހެން 200 މީހުން އެ ޤައުމުން ފުރުމުގެ ޙުއްދަ ޠާލިބާނުން ދީފައިވާކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުން ފުރުމުގެ ޙުއްދަ ލިބުނު 200 މީހުންގެ އިތުރު މަޢުލޫމާތެއް އެމެރިކާއިން ޢާއްމުކޮށްފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެ މީހުންނަކީ މަޒާރީޝަރީފުން ކާބުލްއަށް ދިޔުމުގައި ދަތިތަކެއް ކުރިމަތިވުމުން އެ ރަށުގައި ތާށިވެފައިވާ ބައެކެވެ.

ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ އެތައް ހާސް ބަޔަކުވަނީ ޤައުމު ދޫކޮށް ގޮސްފައެވެ. އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވެފައިވާ މީހުން ސަލާމަތްތެރިކަމާއެކު ޤައުމުން ބޭރަށް ވައިގެ މަގުން ގެންދިޔުމަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަހު ބޭރުގެ އަސްކަރީ މަތިންދާބޯޓުތައް ޙަރަކާތްތެރިވެފައިވެއެވެ. އެ ގޮތުން އެ މުއްދަތުގެ ތެރޭގައި 123،000 މީހުންވަނީ އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ. ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބައިފައިވަނީ އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ މެންދަމުގެ ވަޤުތެއްގައެވެ.

ޠާލިބާނުން ބުނެފައިވަނީ ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމަށްފަހުވެސް އެ ޤައުމުން ދާން ބޭނުންވާ މީހުން ލިޔެކިޔުންތައް ހަމަކޮށްގެން ޢާއްމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ޤައުމުން ބޭރަށް ދިޔުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.