ޚަބަރު

އަފްޣާނިސްތާނުގެ 3،500 މީހުން އޮސްޓުރޭލިޔާއަށް ގެންގޮސްފި


އަފްޣާނިސްތާނުގެ 3،500 ރައްޔިތުން އޮސްޓުރޭލިޔާއަށް ގެނެސްފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަން ވިދާޅުވެއްޖެއެވެ.

ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ އެތައް ހާސް ބަޔަކުވަނީ ޤައުމު ދޫކޮށް ގޮސްފައެވެ. އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވެފައިވާ މީހުން ސަލާމަތްތެރިކަމާއެކު ޤައުމުން ބޭރަށް ވައިގެ މަގުން ގެންދިޔުމަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަހު ބޭރުގެ އަސްކަރީ މަތިންދާބޯޓުތައް ޙަރަކާތްތެރިވެފައިވެއެވެ. އެ ގޮތުން އެ މުއްދަތުގެ ތެރޭގައި 123،000 މީހުންވަނީ އަފްޣާނިސްތާނުން ބޭރަށް ގެންގޮސްފައެވެ.

އޮސްޓުރޭލިޔާއިންވަނީ ޖުމުލަ 4،100 މީހުން އަފްޣާނިސްތާނުން ގެންގޮސްފައެވެ. އޭގެ ތެރޭގައި އޮސްޓުރޭލިޔާގެ ރައްޔިތުންނާއި އަފްޣާނިސްތާނުގެ ރައްޔިތުން ހިމެނެއެވެ. އެ މީހުންގެ ތެރެއިން ގިނަ މީހުން އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ޔޫއޭއީއަށެވެ. މޮރިސަން ވިދާޅުވި ގޮތުގައި އޮސްޓުރޭލިޔާއަށް ގެނެސްފައިވާ އަފްޣާނިސްތާނުގެ 3،500 ރައްޔިތުންގެ ތެރޭގައި 2،500 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ވިލާތުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތަކާއެކު އޮސްޓުރޭލިޔާގެ ސިފައިންވަނީ ފާއިތުވި 20 އަހަރުދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވެފައެވެ. އެ ގޮތުން އޮސްޓުރޭލިޔާއިންވަނީ 39,000 ސިފައިން އަފްޣާނިސްތާނަށް ފޮނުވައިފައެވެ. އޭގެ ތެރެއިން 41 މީހުންވަނީ މަރުވެފައެވެ. ބޭރުގެ ފައުޖުތައް އަފްޣާނިސްތާނުން ފައިބައިފައިވަނީ އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ މެންދަމުގެ ވަޤުތެއްގައެވެ.