ކުޅިވަރު

މެޗަކުން ބަލިނުވެ 37 މެޗް ހަމަކޮށް އިޓާލީވިލާތުން އާރިކޯޑެއް


މެޗަކުން ބަލިނުވެ 37 މެޗް ހަމަކޮށް ޔޫރަޕްގެ ޗެމްޕިއަން އިޓަލީވިލާތުން އާ ރިކޯޑެއް ގާއިމްކޮށްފިއެވެ. އިޓަލީވިލާތުން މިރިކޯޑް ގާއިމް ކޮށްފައިވަނީ ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް ސީ ގައި ރޭ ލިތުއޭނިއާ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. އިޓަލީވިލާތުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ ފަސޭހަ ކަމާއެކު 5 ލަނޑު ސުންލަނޑުންނެވެ.

މިއީ ޔޫރޯގެ ތަށި އުފުލާލިފަހުން އިޓަލީވިލާތަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ. މިމެޗްގައި އިޓަލީގެ ފުރަތަމަ ލަނޑު މެޗްގެ 11 ވަނަ މިނެޓްގައި ޖަހައިދިނީ މޮއިސް ކީންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑަކީ މެޗްގެ 14 ވަނަ މިނެޓްގައި ލިތުއޭނިއާގެ އެޑްގަރާސް އުޓްކުސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އިޓަލީވިލާތުގެ ތިންވަނަ ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖިއޮކޯމޯ ރަސްޕަޑޯރީ ޖަހައިދިން އިރު ހަތަރުވަނަ ލަނޑު އޭގެ ފަސް މިނެޓްފަހުން ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ކީންއެވެ. މިމެޗްގައި އިޓަލީގެ ފަހުލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހައިދިނީ ޖިއޮވާނީ ޑި ލޮރެންޒޯއެވެ. އިޓަލީވިލާތުގެ ކޯޗް ކަމާއި ރޮބާޓޯ މަންޗީނީ ހަވާލުވިފަހުން އެންމެފަހުން އެޓީމް ބަލިވެފައިވަނީ 2018 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނޭޝަންސް ލީގުގައި ޕޯޗުގަލްއަތުންނެވެ. އެއަށްފަހު މިވީ ތިން އަހަރުގެ ތެރޭގައި އިޓަލީވިލާތުގެ ޤައުމީ ޓީމް އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު އިޓަލީވިލާތް މިހާރު އުޅެނީ ކުޅުނު 6 މެޗުން ލިބިފައިވާ 14 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގައި އުޅެނީ 4 މެޗުން 8 ޕޮއިންޓް ލިބިފައިވާ ސްވިޓްޒަލަންޑެވެ. ސްވިޓްޒަލަންޑާއި ނޯދަން އައިލަންޑް ރޭ ބައްދަލުކުރިމެޗް ނިމުނީ ލަނޑެއްނުޖެހި އެއްވަރު ވެގެންނެވެ.