ކުޅިވަރު

ޔޫއެސް އޯޕަން ޓޭނިސް މުބާރާތުގެ ސެމީފައިނަލަށް ރަޑުކާނޫ


ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ސެމީފައިނަލުން އިނގިރޭސިވިލާތުގެ ޒުވާން ކުޅުންތެރިޔާ އެމާ ރަޑުކާނޫ ޖާގަހޯދައިފިއެވެ. ރަޑުކާނޫ މި މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި 11 ވަނައަށް ސީޑް ކުރެވިފައިވާ ބެލިންޑާ ބެންޗިޗް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.

އުމުރުން އަށާރަ އަހަރުގެ ރަޑުކާނޫ މިއީ ކުޅޭ ދެވަނަ ގްރޭން ސްލޭމް މުބާރާތެވެ. އަދި 150 ވަނައަށް ދުނިޔޭގައި ރޭންކް ކޮށްފައިވާ މިކުޅުންތެރިޔާ މިމެޗްގެ ސެޓްތައް ގެންދިޔައީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. މިކާމިޔާބީއާއެކު ދުނިޔޭގެ ގަދަ 50 އަށް ރަޑުކާނޫ އަރާނެކަން ވަނީ ޔަގީންވެފައެވެ. އަދި އެހެން ވެއްޖެނަމަ އޭނާ ވާނީ އިނގިރޭސިވިލާތުގެ އެއްނަންބަރު އަންހެން ކުޅުންތެރިޔާ އަށެވެ. ރަޑުކާނޫ ސެމީ ފައިނަލްގައި ވާދަކުރާނީ ގްރީސްގެ މާރިއާ ސަކާރީ އާއެވެ. ސަކާރީ ސެމީފައިނަލުން ޖާގަހޯދީ ކުއާޓަރ ފައިނަލްގައި ހަތަރު ވަނައަށް ސީޑް ކުރެވިފައިވާ ކެރޮލީނާ ޕްލިސްކޯވާ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

މީގެއިތުރުން އުމުރުން 18 އަހަރުގެ ލޭލާ ފެނާންޑޭޒް ވެސް ވަނީ މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދާފައެވެ.