ޚަބަރު

އިތުރު 2500އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކުރިއަށްދާ ކޯވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިތުރު 2،524 މީހުން ވެކްސިން ފުރިހަމަކޮށްފިއެވެ. އަންގާރަ ދުވަހު ވެކްސިން ޖެހި މީހުންގެ ތެރެއިން ގިނައީ އަތޮޅުތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު 2،524 މީހުންވަނީ ކޯވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި 1،156 މީހަކާއި އަތޮޅުތަކުން ވެކްސިން ފުރިހަމަކުރި 1،368 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 308،095އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަ ދުވަހު 293 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރަޙައްދުން ފުރަތަމަ ޑޯޒް ޖެހި 135 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 158 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 386،807އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12އަހަރާއި 17އަހަރާ ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން ދެއެވެ. އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.