ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. ވާދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހަވީރު ވާދޫ ސްކޫލްގެ އިސްވެރިންނާއިއެކު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާއި ސްކޫލް ހިންގުމުގައި ގެންގުޅުއްވާ އުޞޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އެކަމަނާ ވަނީ މަތީ ތަޢުލީމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް އެކަމަނާ ވަނީ ކެރިއަރ ގައިޑަންސްއާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުވުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
ރައީސްގެ އަނބިކަނބަލުން ވާދޫ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު އަލީ ބައިވެރިވެވަޑައިގެންނެވިއެވެ. މިޒިޔާރަތުގައި، ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ކެމްޕެއިންގެ ދަށުން ސްކޫލްގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް 4 ބިއްލޫރި ފުޅި ހަދިޔާކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ ވާދޫ ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެވަގުތު ސްކޫލްގައި ތިބި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ވާދޫ ސްކޫލަކީ 108 ދަރިވަރުން އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. ސްކޫލްގެ އިސްވެރިން ވަނީ މިވަގުތު ވާދޫގައި ދިރިއުޅޭ ސްކޫލް ނިންމާފައިވާ ހުރިހާ ދަރިވަރުންވެސް ތިބީ ސަރުކާރުގެ އެކި މަޝްރޫޢުތަކާގުޅޭ ވަޒީފާތަކުގައިކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރަށުގެ މިފަދަ ކާމިޔާބީތަކުގައި ތަޢުލީމު އުނގަންނައިދެއްވާ ފަރާތްތަކުގެ ދައުރު ފާހަގަކުރައްވާ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. ވާދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ.