ޚަބަރު

ޠާލިބާނުންނާ ގުޅުންބަދަހިކުރަން ޗައިނާއިން މަސައްކަތްކުރާނެ: ބައިޑަން


އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތާ ގުޅުންބަދަހިކުރަން ޗައިނާއިން މަސައްކަތްކުރާނެކަން ޔަޤީންވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ ޠާލިބާނުންނާ ޗައިނާއާ ދެމެދު ދެބަސްވުންތަކެއް އޮންނަކަމަށާއި ދެބަސްވުންތައް ޙައްލުކުރުމަށް ދެ ފަރާތުން އެއްބަސްވެވޭނެ ގޮތްތަކެއް ހޯދާނެކަމަށެވެ. އަދި ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން އެ ޤައުމާ އަވަށްޓެރި ޕާކިސްތާނާއި އީރާނާއި ރަޝިޔާއިން އަމަލުކުރާނެ ގޮތްތަކާމެދު އެ ޤައުމުތަކުން ވިސްނަމުންދާކަމަށްވެސް ބައިޑަންވަނީ ވިދާޅުވެފައެވެ. އެ ތިން ޤައުމާއި ޗައިނާއަކީ އެމެރިކާއާއި ވިލާތުގެ ޤައުމުތަކާ އިދިކޮޅު ސިޔާސަތުތަކެއް ގެންގުޅޭ ޤައުމުތަކެކެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން އެ ޖަމާޢަތާ ގުޅޭގޮތުން ކަންކަން ނިންމުމުގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ހަތް ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް އެމެރިކާއިންވަނީ ބާރުއަޅައިފައެވެ. އެ ގޮތުން ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފައިސާއާއި މުދާ ހިފެހެއްޓުމުން ޤައުމު ހިންގުމުގައި ޠާލިބާނުންނަށްވަނީ މާލީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ޗައިނާއާއި ރަޝިޔާފަދަ ޤައުމުތަކުން އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިނަމަ އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ހިޔަނިއެޅޭނެކަމަށް އިޤްތިޞާދީ ތަޖުރިބާކާރުންވަނީ ލަފާކޮށްފައެވެ.

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެންދިޔުމުގެ ކުރިން އެ ޖަމާޢަތުގެ ވަފުދެއްވަނީ ޗައިނާއަށް ދަތުރުކޮށް އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކޮށްފައެވެ.