މާލޭގެ ސްކޫލެއްގައި މާރާމާރީއެއް ހިނގައި، ކުއްޖަކު ޒަޚަމްވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ ސްކޫލެއްގައި މިއަދު މެނދުރުފަހު ދެ ކުއްޖެގެ މެދުގައި މާރާމާރީއެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އަދި އެމައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަދު މެންދުރު 2:30 ހާއިރު ކަލާފާނު ސްކޫލުގެ ދެ ދަރިވަރުންގެ މެދުގައި ހިނގި ހާދިސާއެއްގައި ދަރިވަރެއްގެ ބޮލަށް އަނިޔާވެފައިވާކަމަށެވެ. އަދި އެ ދަރިވަރަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ކުއްޖާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ވަނީ ކުއްޖަކަށް ހަމަލާދީފައެވެ. އަދި މިކަން ހިނގަން މެދުވެރިވި ސަބަބުން ކަލާފާނު ސްކޫލާއި، އެޑިއުކޭޝަން މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ތަހުޤީޤްކުރަމުންދާކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.