ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ޤާނޫނުލްޢުޤޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙާ ގުޅިގެން މަޝްވަރާކުރުމަށް ބަންޑާރަ ނައިބު ބޭއްވެވި ސިލްސިލާ ބައްދަލުވުންތައް ނިންމަވާލައްވައިފިއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުންވަނީ މިކަން ހާމަކުރައްވާފައެވެ. މިމަޝްވަރާ ބައްދަލުވުންތަކަކީ ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ބިލަށް ގެންނެވުމަށް ފާސްކުރައްވާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބަންޑާރަ ނައިބު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކެކެވެ.
އެންމެފަހުން ބޭއްވި ބައްދަލުކުރެއްވުމުގައި، އެބިލަށް މަޖިލިސް ކޮމިޓީން ގެންނަވާފައިވާ އިޞްލާޙުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިޞްލާޙުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ އެއްކޮށް ވަނީ މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމުގައި އެއްބަސްވެވުނު އިޞްލާޙުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ޙިއްޞާކުރައްވާފައިކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.