ޚަބަރު

އަފްޣާނިސްތާނުގެ އަންހެން ދަރިވަރުންނަށް ފަރުދާގެ ނިވަލުގައި ކިޔަވައިދޭން ފަށައިފި


ޠާލިބާނުން ވެރިކަމަށް އައިފަހުން ފުރަތަމަ ފަހަރަށް އަންހެން ދަރިވަރުންނާއެކު އަފްޣާނިސްތާނުގައި ކިޔެވުން ފަށައިފިއެވެ.

އަފްޣާނިސްތާނުގެ މަދަރުސާތަކުގައި އަންހެން ދަރިވަރުންނާމެދު އަމަލުކުރަމުންދާ ގޮތް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ޠާލިބާނުންގެ ވެރިކަން ބަލައިގަތުން ބިނާވެފައިވަނީ އަންހެނުންނާއި އަންހެން ކުދިންނާމެދު އެ ޖަމާޢަތުން ތަންފީޒުކުރާ ސިޔާސަތުތަކަށާއި އެ މީހުންގެ ހައްޤުތައް ކަށަވަރުކޮށްދޭ މިންވަރެއްގެ މައްޗަށެވެ.

1996ން 2001ވަނަ އަހަރަށް އަފްޣާނިސްތާނުގައި އޮތް ޠާލިބާނުންގެ ވެރިކަމުގެ ދުވަސްވަރުގެ ތެރޭގައި އަންހެން ކުދިން ކިޔުވުމަށް މަދަރުސާތަކަށް ދިޔުމާއި އަންހެނުން ވަޒީފާއަށް ދިޔުންވަނީ މަނާކޮށްފައެވެ. ނަމަވެސް 20 އަހަރުފަހުން ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމަށްފަހު އެ ޖަމާޢަތުންވަނީ އިސްލާމީ ވެރިކަމުގެ ނިޒާމުގެ ތެރެއިން އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށްދޭނެކަމަށާއި އަންހެންނުގެ ބައިވެރިވުން މުޖުތަމަޢުގައި އޮންނާނެކަމަށް ވަޢުދުވެފައެވެ.

އަންހެން ދަރިވަރުންނާއެކު އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއާއި އެ ޤައުމުގެ ދެވަނައަށް އަދި ތިންވަނައަށް އެންމެ ބޮޑު ރަށްތައްކަމަށްވާ ކަންދަހާރާއި ހީރަތުގައިވަނީ އަންހެން ކުދިން ކިޔެވުމުގެ ފުރުޞަތު ދީފައެވެ. ނަމަވެސް އެކި މަދަރުސާތަކުގައި ތަންފީޒުކޮށްފައިވަނީ ތަފާތު އުޞޫލުތަކެކެވެ. އެ ގޮތުން ބައެއް މަދަރުސާތަކުގައި ފަރުދާއަކުން ވަކިކުރުމަށްފަހު އަންހެން ކުދިންނާއި ފިރިހެން ކުދިންނަށްވަނީ ކިޔަވައިދޭން ފަށައިފައެވެ. އަދި އެހެން މަދަރުސާތަކުގައި ހަމައެކަނި އަންހެން ކުދިންނަށް ނޫނީ ހަމައެކަނި ފިރިހެން ކުދިންނަށްވަނީ ކިޔަވައިދޭން ފަށައިފައެވެ. އޭގެ އިތުރުން އަންހެން ކުދިންނަށް އެކަނި ކިޔަވާދޭނަމަ ކިޔަވައިދޭން ޖެހޭނީ އަންހެން މުދައްރިއްސުންކަމަށާއި އަންހެން ކުދިން މަދަރުސާއަށް ވަނުމަށް ވަކި ދޮރެއް ހުންނަން ޖެހޭނެކަމަށްވަނީ ކަނޑައަޅައިފައެވެ. އަދި މަދަރުސާގައި އަންހެން ކުދިންނަށް ވަކި ސަރަޙައްދުތަކަކަށް ނުވަދޭ ގޮތަށްވެސްވަނީ ކަނޑައަޅައިފައެވެ.

އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުގެ ކުރިންވެސް އެ ޤައުމުގެ މަދަރުސާތަކުގައި މަސްހުނިކޮށް ކިޔަވައިދީފައެއް ނުވެއެވެ. އެ ގޮތުން ދެ ފަރާތުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ކިޔަވަމުންދިޔަ ނަމަވެސް ފަރުދާއަކުން އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނުގެ މަދަރުސާތަކުގައި ތަންފީޒުކޮށްފައިވާ އުޞޫލުތަކާ ގުޅޭގޮތުން ޠާލިބާނުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ގިނަ ފަހަރަށް އެފަދަ އުޞޫލުތައް އެކުލަވާލައި ތަންފީޒުކުރަނީ ސަރަޙައްދީ ސަރުކާރުތަކުގެ ގަވަރުނަރުންނެވެ.