ޚަބަރު

އަފްޣާނިސްތާނުގެ މައްސަލާގައި އެމެރިކާގެ އިސް ދެ ވަޒީރުން ޤަޠަރަށް


އަފްޣާނިސްތާނުގެ މައްސަލާގައި މަޝްވަރާކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެންނާއި ދިފާޢީ ވަޒީރު ލޮޔިޑު އޮސްޓިން ޤަޠަރަށް ވަޑައިގެންފިއެވެ.

އެމެރިކާގެ އެންމެ އިސް ދެ ވަޒީރުން ޤަޠަރަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ބޭފުޅުންވަނީ ޤަޠަރުގެ އިސްވެރިންނާ ބައްދަލުކުރައްވައި އަފްޣާނިސްތާނުގެ ސަލާމަތާއި އެ ޤައުމު ދޫކޮށް ގޮސްފައިވާ އެތައް ހާސް މީހުންގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެ ގޮތުން ޤަޠަރުގެ އަމީރު ޝޭޚް ތަމީމު ބިން ޙަމަދު ބިން ޚަލީފާ އާލް ޘާނީއާ ބައްދަލުކުރައްވައި ބުލިންކެންނާއި އޮސްޓިންވަނީ އަފްޣާނިސްތާނުގެ މައްސަލާގައި ޤަޠަރުން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވައިފައެވެ. އޭގެ އިތުރުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުމާ ގުޅޭގޮތުންވެސް އެ ބޭފުޅުންވަނީ މަޝްވަރާކުރައްވައިފައެވެ.

އަފްޣާނިސްތާނުގެ މައްސަލާގައި ޤަޠަރުވެފައިވަނީ އެމެރިކާގެ އެންމެ މުޙިއްމު ބައިވެރިޔާއަށެވެ. އެ ގޮތުން އަފްޣާނިސްތާނުގައި ތިބި ބޭރު ޤައުމުތަކުގެ ރައްޔިތުންނާއި އަފްޣާނިސްތާން ދޫކޮށް ދާން ބޭނުންވެފައިވާ އެ ޤައުމުގެ ރައްޔިތުން ސަލާމަތްތެރިކަމާއެކު ގެންދިޔުމަށް ޤަޠަރުންވަނީ މުޙިއްމު ދަޢުރެއް އަދާކޮށްފައެވެ. އަފްޣާނިސްތާނުން ބޭރަށް ގެންދިޔަ 1،000އަށްވުރެ ގިނަ މީހުން މިހާރުވެސް ތިބީ ޤަޠަރުގައެވެ.