ޚަބަރު

އައިއެސުން ޢިރާޤުގައި ވަރުގަދަ ޙަމަލާތަކެއް ދީފި


ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުން ޢިރާޤުގައި ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.

އައިއެސުން ހިންގައި އަމަޤް ނޫސް އެޖެންސީން ބުނެފައިވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން ކިރްކޫކުގައި ހުންނަ ޢިރާޤުގެ ފުލުހުންގެ މަޤާމަކަށް ދިން ޙަމަލާގައި 10 މީހުން މަރާލާފައިވާކަމަށެވެ. އެ ޙަމަލާގައި އިތުރު ހަތަރު މީހުންވަނީ ޒަޚަމުވެފައެވެ. އަދި އެ ޖަމާޢަތުގެ ހަނގުރާމަވެރިން އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާކަމަށާއި ކިރްކޫކާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ރަޝާދު އަވަށުގެ ފުލުހުންގެ މަރުކަޒަށްވެސް ޙަމަލާދީފައިވާކަމަށް އެ ޖަމާޢަތުންވަނީ ބުނެފައެވެ. އެ ޙަމަލާތައް ދިފާޢުކުރުމަށް ޢިރާޤުގެ އިތުރު ފުލުހުން އެ ސަރަޙައްދަށް ވަނުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުހުންގެ ތިން އުޅަނދެއް ހަލާކުވެފައިވާކަމަށްވެސް އައިއެސުން ބުނެފައިވެއެވެ. އޭގެ އިތުރުން ޢިރާޤުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ މޫޞަލުގެ އަސްކަރީ މަޤާމަކަށް އައިއެސްގެ ހަނގުރާމަވެރިން ދިން ބަޑީގެ ޙަމަލާތަކެއްގައި ތިން ސިފައިންވަނީ މަރުވެފައެވެ.

އެމެރިކާ އިސްވެ އައިއެސްއާ ދެކޮޅަށް ކުރި ހަނގުރާމައިގައި 2017ވަނަ އަހަރުގެ ތެރޭގައި އެ ޖަމާޢަތް ބަލިވި ނަމަވެސް އެ ޖަމާޢަތުގެ ހަނގުރާމަވެރިންގެ ޙަމަލާތައް ދޭތެރެދޭތެރެއިން ޢިރާޤުގެ އެކި ސަރަޙައްދުތަކަށް އަމާޒުކުރެއެވެ.