ޚަބަރު

ކާބޯތަކެތީގެ ޔަޤީންކަމަށް ސަރުކާރަށް އޭ ޕްލަސް ހައްގުވޭ- ސަލީމް


ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި ކާބޯތަކެއްޗަަށް ދަތިވިޔަ ނުދީ އަދުގެ ސަރުކާރުން އެކަމުގައި ގެންގުޅުއްވި ހަރުދަނާ ސިޔާސަތައް އޭ ޕްލަސް ހައްގުވާކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ ޕެންޑަމިކް މިހާލަތުގައި ކާބޯތަކެއްޗަށް ދަތި ނުވެ ހިފަހައްޓާލީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންކަމަށެވެ.

ބިލަށްް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ ރާއްޖޭގެ އިގްތިސާތު ވަރަށް ބޮޑަށް ހީނަރުވެ ބަލިމަޑުކަމެެއްގެ ތެރެއަށް ގެނބިގެން ދިޔައިރު، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ގޮތަށް ކާބޯތަކެއްޗަށް ޖެހިގެން ހިގައިދާނެކަމުގެ ބިރުވެރިކަމާއި ކަންބޮޑުވުން ރައްޔިތުންގެ ހިތުގައި އޮތްކަމަށެވެ. އެހެންނަމަވެސް މުޅި ދުނިޔެއާއި ރާއްޖެއަށް ދިމާވި ދަތި މި ހާލަތުގައި ކާބޯތަކެއްޗަށް ދަތިނުވެ ކާބޯތަކެތީގެ އަގު ހިފެހެއްޓި ކާބޯތަކެތީގެ ޔަގީންކަން ސަރުކާރުން ހޯއްދަވާދެއްވިކަން ސަލީމް ފާހަގަކުރެއްވިއެވެ. ސަލީމް ވިދާޅުވީ ޕެންޑަމިކްގެ މިހާލަތުގައިވެސް ކާބޯތަކެއްޗަށް ދަތިނުވެ ހިފަހައްޓާލެވުނީ ސަރުކާރުގެ ހަރުދަނާ ސިޔާސަތާއި ބައިނަލްއަގްވާމީ ދުނިޔެއިން އަދުގެ ސަރުކާރުން ބަލައިގެންފައިވާތީކަމަށެވެ.

" އަޅުގަނޑުމެން އެންމެންގެ ލޯމަތީ ފާހަގަވެގެން މިދިޔައީ ކާބޯތަކެތީގެ ޔަގީންކަން ހޯދާދިނުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރެއްވިތަން. އެކަމަށްޓަކައި އަޅުގަނޑު ގަބޫލުކުރަން އޭ ޕްލަސް ހައްގުވާކަމަށް." ސަލީމް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު ރަނގަޅަށް އޮތް ދުވަސްވަރު 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ކާޑަށް ގެނައި ބަދަލުތަކުން ރައްޔިތުން ކުރިމަތިލާން ޖެހުނު ދަތިތައްވެސް ސަލީމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

" ރާއްޖޭގެ އިޤްތިސާދު ރަނގަޅަށް އޮތް ހާލަތުގައި ކަންކަން ރަނގަޅަށް ދިޔަ ދުވަސްވަރު 2016 ވަނަ އަހަރު މި މަޖިލީހަށް ހުށައެޅުނު ކުއްލި މައްސަލައެއްގެ މަތިން ހަނދާނަށް އާދޭ. ކާޑަށް ދިވެހި ސަރުކާރުން ދެމުންދިޔަ ސަބްސިޑީސް ކުއްލިޔަކަށް ކަނޑާލީ. އޭގެ ސަބަބުން ސަތޭކަ ޕަސެންޓް ތަކެތީގެ އަގު ބޮޑުވެގެންދިޔައީ. ކުލީގެ އަގު ބޮޑުވެގެންދިޔައީ. " މެމްބަރު ސަލީމް ވިދާޅުވިއެވެ.

ކާބޯތަކެތީގެ އަގު ހިފެއްހެއްޓުމަށާއި ކާދުގެ ބާވަތްތައް ލިބުން ދަތިވިޔަ ނުދިނުމަށް ރާއްޖޭގެ އެކި ހިސާބުގައި އެޖެންޓުން ކަނޑައަޅާފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ. މިގޮތުން މުޅި ރާއްޖެއަށް ބެހޭގޮތަށް މިވަތުވެސް 200 ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ކާޑު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ސަލީމް ވިދާޅުވިއެވެ. އަދި ސަރުކާރުން ގެންގުޅުއްވާ ލާމަރުކަޒީ އުސޫލާއި އެއްގޮތަށް އަލަށް އެކުލަވާ ބިލުގައިވެސް ކައުންސިލަތަކަށް ބާރު ދިނުމަށް ނިންމާފައިވާ ނިންމުންވެސް ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.