ކުޅިވަރު

ސެރީއާ އަށް އަލަށް ޕްރޮމޯޓްވި ސަލެރްނިޓާނާއަށް ރިބަރީ


އިޓާލިއަން ސެރީއާއަށް އަލަށް ޕްރޮމޯޓްވި ސަލެރްނިޓާނާއަށް ފަރަންސޭސިވިލާތުގެ ކުރީގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ފްރޭންކް ރިބަރީ ސޮއިކޮށްފިއެވެ. އުމުރުން 38 އަހަރުގެ ރިބަރީ ސަލެރްނިޓާނާއަށް ސޮއިކޮށްފައިމިވަނީ މިދިޔަ ސީޒަން ނިމުމާއެކު ފިއޮރެންޓީނާ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމުންނެވެ.

ރިބަރީ ވަނީ މީގެކުރިން ޖަރުމަނު ބުންޑަސްލީގާގެ ޗެމްޕިއަން ބަޔާން މިޔުނިކާއެކު ބުންޑަސްލީގާގެ ތަށި 9 ފަހަރު އުފުލާލުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށިވެސް އުފުލާލާފައެވެ. ސަލެރްނިޓާނާއެކު އެއްއަހަރު ދުވަހުގެ އެއްބަސްވުމެއް ސޮއި ކުރުމުގެ ކުރިން ބަޔޭން އަށް އަލުން އަނބުރާ ދާން އުޅޭކަމުގެ ވާހަކައެއްވެސް އަޑުއިވިގެންދިޔައެވެ. މީގެއިތުރުން ރިބަރީވަނީ ފަރަންސޭސި ޤައުމީ ޓީމަށް 81 މެޗް ކުޅެދީފައެވެ. އަދި އޭނާ ވަނީ 2006 ވަނަ އަހަރު ފީފާ ވާރލްޑް ކަޕްގެ ރަނަރއަޕް މަގާމް ހޯދި ފަރަންސޭސި ޓީމްގައިވެސް ހިމެނިފައެވެ.