ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފައިވާކަން އެ ޤައުމުގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ.
މިކަން ހާމަކުރައްވާ ދިވެހި ފުލުހުން ވިދާޅުވީ އިމިގްރޭޝަން ކުށްތަކެއްގައި އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފައި ހުރިކަން އެޤައުމުގެ ފުލުހުންނާ ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރަސްމީކޮށް މަޢުލޫމާތު ލިބިފައިވާކަމަށެވެ.
މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު އިނގިރޭސިވިލާތުން ހައްޔަރުކޮށްފައިވާ ކަމަށް ވަނީ މަޢުލޫމާތު ފެތުރިފައެވެ. އެހެންނަމަވެސް އޭރު ފުލުހުންނަށް އެފދަ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަލީ ވަހީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ރާއްޖެ ވަޑައިގެންފައި ނުވާތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން މިދިޔަ މަހު ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ނިންމީ އެ އަމުރު ނެރެ ނުދިނުމަށެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޯޓުގައި އުފުލާފައެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.
ފުލުހުން ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް ބުނެފައެވެ.